ވެމްކޯ

ރާއްޖެއިން ފުރަތަމަ ފަހަރަށް ބެލްޑް ޕެޓް ކުނި އެކްސްޕޯޓްކޮށްފި

ރާއްޖެއިން ފުރަތަމަ ފަހަރަށް، ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑް ކޮންޓެއިނަރެއް އެކްސްޕޯޓުކޮށްފި އެވެ.

މިއީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްްގައި ޕްލާސްޓިކް ކުނި ބޭނުންކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން ހިންގި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ވޯލްޑް ކްލީންއަޕް ޑޭ ގައެވެ.

ހަރަކާތުގެ ތެެރެއިން ޓީސީސީއެފް އިން ވަނީ ވެމްކޯއަށް ޕިކަޕާއި ބެލާ ހިމެނޭ ސާމާނު ހަދިޔާކޮށްފަ އެވެ.

ރީސައިކަލްކުރުމަށް މި ހަރަކާތުގެ ތެރެއިން ބެލްޑް ޕެޓް ކުނި ވަނީ މެލޭޝިއާއި ޗައިނާއަށް އެކްސްޕޯޓުކޮށްފަ އެވެ. މިއީ ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.

ރާއްޖޭގައި މިވަގުތު އެންމެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގައި ކަމަށްވީ ނަމަވެސް މި މަޝްރޫއުގެ ދަށުން ކުނި މެނޭޖްކުރުމުގެ ރަނގަޅު އުސޫލުތަކަށް ބަދަލުވުމެއް އަންނާނެ އެވެ.

މި މަޝްރޫއުގެ އޮޕަރޭޝަންތައް ރަށްރަށާ ގުޅުވައިދިނުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯޕާގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.

"މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި އެވެ.

ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް އެހީތެރިވެދީ، ޓީސީސީއެފްގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފަ އެވެ.

"މި އިސްނެގުމަކީ ޕްލާސްޓިކް ކުނި މެނޭޖްކުރުން ރަނގަޅުކޮށް، ރާއްޖޭގައި ރީސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ޕެޓް ކުނި އެކްސްޕޯޓް ކުރުމަކީ ކުނި ނައްތާލުމުގެ އާންމު އުސޫލުތަކުން ޕްލާސްޓިކް ކުނި އެއްކޮށް، ޕްރޮސެސްކޮށް، ރީސައިކަލް ކުރާ ވަށާޖެހޭ އިގްތިސާދީ ވިސްނުމަށް ރާއްޖެ ބަދަލުވުމަށް މުހިއްމު ހަރުފަތެއް ކަމަށެވެ.

މީގެއިތުރުން ކޮކާ-ކޯލާގެ ފަރާތުން ކާލޮސް ޕަގޯއާގާ ވިދާޅުވީ މި މަޝްރޫއާއެކު ވިސްނުން ހުރީ ކުނި އެއްކުރުމަށްވުރެ ދުރަށް ކަމަށާއި އަމާޒަކީ ކުނި ހެޔޮގޮތުގައި ބޭނުންކުރުމަށް ރާއްޖޭގައި ދެމެހެއްޓެނިވި ސަގާފަތެއް އާލަކުރުން ކަމަށެވެ.