އިންޑިއާ

އިންޑިއާގެ އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިނުން އާންމު ކަމަކަށް

އިންޑިއާގެ އެއާލައިންތަކަށް ދެމުންދާ ބޮމުގެ އިންޒާރުތައް އިތުރުވަމުން ދާއިރު، އެންމެ ފަހުން އިންޒާރު ދީފައިވަނީ މުމްބާއީ އިން ކޮލަމްބޯއަށް ދަތުރުކުރި ވިސްތާރާ އެއާލައިންގެ ފްލައިޓަކަށެވެ.

މި ފްލައިޓް ކޮލަމްބޯއަށް ޖެއްސުމުގެ 10 މިނެޓް ކުރިން އިންޒާރު ލިބުމާ ގުޅިގެން އެއާޕޯޓް އެލާޓަށް ގެނެސް ފްލައިޓް ރައްކާތެރިކަމާއެކު ޖައްސައި، ދަތުރުވެރިން ބޭލުމަށްފަހު މުޅި ފްލައިޓް ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް ބަލައި ފާސްކުރުމުން އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި އެކަނި އިންޑިއާގެ އެއާލައިންތަކަށް 20 އާ ގާތްކުރާ އަދަދަކަށް އިންޒާރު ލިބިފައި ވެއެވެ. ހާއްސަކޮށް އިންޑިއަން އެއާލައިންސް އަދި އިންޑިގޯއަށް މި އިންޒާރުތައް އަމާޒުވިލެއް ގިނަ އެވެ.

މި އިންޒާރުތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. މި ކުއްޖާއަކީ ފްލައިޓްތަކަށް ބޮމުގެ އިންޒާރު ދިން ކަމަށް ޝައްކުކުރެވޭ ފަރާތެކެވެ.