ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވެފައި މިވަނީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި އެ ފައިސާ މިއަހަރުގެ މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނުމަކީ ގާނޫނާ ހިލާފު ކަމަކަށްވާނެތީ އެ މައްސަލަ ބަލަމުންދާ ކަމަށް މިސަރުކާރުން އިއްޔެ ބުނެފައި ވަނިކޮށެވެ.
ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބް ރައީސް ވިދާޅުވީ މިއަދު ފެނިގެން ދަނީ ނިމިދިޔަ ސަރުކާރަށް ނިމިދިޔަ 19 މަޖިލީހުގައި ލިބުނު ސުޕަ މެޖޯރިޓީ ބޭނުކޮށް، ނަހަމަ ގޮތުގައި ކުރަމުން ދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ.
"ދިވެހި ދައުލަތަށް ކޮވިޑްގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފްސީލްވެސް ފޮރުވާފައިވަނީ މިބުނި ބީދައިން،" ކޮވިޑް 19ގެ ދުވަސްވަރު ރާއްޖެއަށް ލިބުނު އެހީތަކާ މެދު އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތަށް ފާޑު ކިޔުއްވަމުން ނައިބް ރައީސް ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ތުހުމަތުކޮށް މިސަރުކާރުން ދެއްކި ވާހަކަތަކަށް ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްދުދެއްވާފަ އެވެ.
މިސަރުކާރުން މާލީ ހިސާބުތަކޭ ބުނެ ދޮގު ހަދާފައިވާ ކަމަށް ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކުގައި މާލީ ހިސާބުތައް ރެކޯޑުކުރާނީ ޑޮކިއުމަންޓްތައް ފުރިހަމަވާ މިންވަރަކުން ކަމަށާއި އެއީ އަބަދުވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.
ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކުގައި ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއަކީ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދީފައި ހުރި ފައިސާ ކަމަށެވެ. އެ ފައިސާ ދެނީ ފަންޑް ކުރާ ފަރާތްތަކުން ސީދާ އެ ކޮންޓްރެކްޓަރަށް ކަމަށްވާތީ މިފަދަ ފައިސާ ރެކޯޑް ކުރުމުގައި ގޯސްތަކެއް ހަދާފައިވާކަން އެނގޭ ކަމަށެވެ. މިގޮތަށް ދެ ބިލިއަނެއްހާ ރުފިޔާ ރެކޯޑްކޮށްފައި ނެތުމަކީ ދައުލަތުގެ ހިސާބުތައް ހަމަޖެއްސުމަށް އަދި މިސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަށް ދިމާވާނެ އުނދަގޫ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މީގެކުރިން ކޮންމެ ހަފްތާއަކު ގަވައިދުން ނެރެމުން ދިޔަ ދައުލަތުގެ އާމްދަނީއާއި ހަރަދު ތަފްސީލް މިދިޔަ ޖޫން މަހުން ފެށިގެން ހާމަކުރުން ހުއްޓާލީވެސް މާލީ ހިސާބުތަކުގައި ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވި ހިސާބުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބު ނެރެންވާނީ ސައްހަ މައުލޫމާތާ އެކު ކަމަށްވާތީ ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވުމުން އެ މައްސަލަ ހައްލުނުކޮށް ދައުލަތުގެ މާލީ ހިސާބުތަކުގެ މައުލޫމާތު ހާމަކުރުމަކީ ރާއްޖެއަށް މާލީގޮތުން އެހީވާ ފަރާތްތަކުގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށެވެ.