ހަބަރު

ނާޒިމްގެ ވަކީލު ކަމުން އާޒިމާ ވަކިވެ، ވަކީލަކަށް މައުމޫން ހަމީދު

Jan 28, 2015

މަގާމުން ވަކި ކުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލް ކަމުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު އިސްތިއުފާ ދެއްވައިފި އެވެ.

އެކަމަނާގެ ލޯފާމް އަވަންޓް ގާޑުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމްގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އެއްބަސްވެ ވަޑައިގެން އެ މަސައްކަތް ކުރެއްވި ނަމަވެސް އަމިއްލަފުޅު ސަބަބުތަކަކާހުރެ ނާޒިމްގެ ވަކީލުކަން ދޫކޮށްލައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ދެން ނާޒިމްގެ ގާނޫނީ ވަކީލުކަން ކުރައްވާނީ ޕްރިމިއާ ޗެމްބާސްގެ ވަކީލު މައުމޫން ހަމީދު ކަމަށެވެ. މައުމޫން ހަމީދަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނާޒިމް އޭރު، ސިފައިންގޭގެ ވަޒީފާއިން ވަކި ކުރެއްވުމުން ނާޒިމްގެ ދިފާއުގައި ކޯޓަށް ވަޑައިގެންނެވީ ވެސް އާޒިމާ އެވެ. 

އާޒިމާ ނާޒިމްގެ ވަކީލުކަން ދޫކޮށްލެވި އިރު ނާޒިމާއި ގުޅި ވަޑައިގެން ކުރީގެ ފުލުސް ކޮމިޝަނާ އަބްދުﷲ ރިޔާޒާއި ދެބޭފުޅުން ހަތިޔާރު ބޭނުންކޮށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ސަރުކާރު ވަނީ ކޮށްފައެވެ. ނަމަވެސް އާޒިމާ އާއި ރިޔާޒު ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. 

ނާޒިމް މަގާމުން ވަކި ކުރުމުގެ ކުރިން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމުން ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނެފައިވާއިރު އޭގެ ފަހުން ނާޒިމް ބޭންކޮކަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ޕާސްޕޯޓް ހިފަހައްޓައި މިހާރު ވަނީ ބްލެކް ލިސްޓަށް އަރުވާފައެވެ.