އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވާތީ އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ކުއްލި މައްސަލަ މިއަދު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް އެ މައްސަލައިގައި ހަމަ ނުވާ ކަމަށެވެ.
މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ގޮވާލާފަ އެވެ.
އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މި އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ޖަލްސާގަ އެވެ.
ބިލްގެ ބަހުސް ކުރިއަށް ގެންގޮސް ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވަން ފާސްކުރީ ޖޫން 10 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމުން މީކާއީލް ވަނީ ބިލްގެ މަސައްކަތް ކޮމިޓީގައި ހުއްޓިފައިވާ ސަބަބު ސާފުކޮށްދިނުމަށްވެސް ކުރިން އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިދިޔަ އޮގަސްޓް ހަތްވަނަ ދުވަހު މީކާއީލް ފޮނުއްވި ސިޓީގައި ވަނީ އެ ބިލް މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ އެހާތަނަށް 59 ދުވަސް ވެގެންދިޔައިރު އެ ބިލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އަދި ބިލްގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކުރާ ސަބަބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މީކާއިލް އިސްލާހު ހުށަހެޅީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަށެވެ. އެއީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން ކަނޑައެޅުމުގެ މާއްދާ އެވެ.
ގާނޫނުގެ އަށްވަނަ މާއްދާއަށް އަށްވަނަ އަކުރުގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ. މީގެތެރޭގައި އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނެ އެވެ.
ބިލް ހުށަހެޅި މަގުސަދު ތެރޭގައި ހިމެނެނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަ އެޅުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ގަރާރެއް ފާސްކުރުމުންވެސް މިހާތަނަށް އެ ގަރާރަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރުމެވެ.