ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމަކީ އެއީ އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ބަޔަކަށް ރައްދުދެއްވައިފި އެެވެ.
ޝަހީމުގެ ރައްދެއް އައިސްފައި މިވަނީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި އިޒުރޭލުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް ޝަހީދުވި ހަމާސް އާއި ހިޒްބުﷲގެ ވެރިންގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ނުކުރާތީ ބައެއް މީހުން އެކަން ފާހަގަކޮށް ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.
ފާޑުކިޔުންތަކުގެ ރައްދުގައި ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ޖުމުހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި
ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.
ޝަހީމް ވިދާޅުވީ ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެކެވެ. ޖާއިޒު ކަމަށް ދެކޭ އިލްމުވެރިން ވެސް އެކަން ކުރުމަކީ ވާޖިބު ކަމެއް ނޫން ކަމަށް ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ކަންކަމުގައި އަޅުގަނޑުމެން އަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށް އަމަލުކުރަން ވާނެ ކަމަށް ވިދާޅުވެ މިފަދަ މައްސަލަތަކުގައި ރަސޫލާ އަމަލުކުރެއްވި ގޮތް ކަމަށް ވިދާޅުވެ ޝަހީމް ވަނީ މިސާލެއްވެސް ދައްކަވާފަ އެވެ.
"އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ކަށު ނަމާދު ކުރައްވާފައެއް ނުވެ އެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ހަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި އެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައެއް ނުވެ އެވެ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާ އެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަ ކަމަށެވެ.
"ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެކެވެ. ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުމެވެ." ޝަހީމް ވިދާޅުވި އެވެ.