ޠާރިގު އިބްރާހީމް

ގޭބިސީ އަކަށް ޖެހޭ މިންވަރު ބެލުމަށްފަހު ސޯލާ ހަރުކުރަން ފަށަނީ

ސޯލާ ޕެނަލް ހަރުކުރުމަށް ޑޮމެސްޓިކް ޕަސެންޓޭޖުގެ ގޮތުގައި އޮންނަ މިންވަރު ހަމަހަމައަށް ގޭބިސީތަކަށް ބަހާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލެއްގެ ޖަވާބު ގައެވެ.

މެންބަރުގެ ސުވާލުގައި ވިދާޅުވީ ކަނޑިތީމުގައި މިހާރު ރަށަށް ހަކަތަ ބޭނުންވާ މިންވަރުގެ ޕީކް ލޯޑުގެ 43 ޕަސެންޓާ ހަމައަށް ހުރީ ސޯލާ ހަރުކޮށްފައި ކަމަށެވެ. އެކަމަކު އެރަށުގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވެފައި ތިބި ގޭބީސީތަކަށް އެ ފުރުސަތު މިހާރު ނުދޭ ކަމަށާއި އެއީ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު ސުވާލުކުރެއްވީ ޑޮމެސްޓިކް ކެޓެގަރީއަށް އޮންނަ 60 ޕަސެންޓުން، ރަށެއްގެ ކޮންމެ ގޭބީސީއަކަށް ޖެހޭ މިންވަރު ބަހައި، އެ އަދަަދަށް ސޯލާ ހަރުކުރަން ހުއްދަ ދޭން ސަރުކާރުން ވިސްނަމުން ދޭތޯ ސުވާލުކުރުމަށެވެ.

މިނިސްްޓަރު ވިދާޅުވީ ހަމަހަމަ ގޮތެއްގައި ޕަސެންޓޭޖު ބަހާނެ ގޮތަކައި މެދު މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

"އެކަންތައް ވެސް މިހާރު މި ދަނީ ބަލަމުން. ކޮންމެ ގެއަކަށް ރަށެއްގެ އިންނަ ޕަސެންޓޭޖުން ކިހާވަރެއްތޯ ބަހައިލެވެނީ. އެ ގޮތަށް އަޅުގަނޑުމެން އެބަ މަސައްކަތްކުރަމުން ދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ވަކި އަދަދަކަށް ސޯލާ ޕެނަލް ހަރުކުރަން ކަނޑައަޅައިފައި އޮންނަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުއްލިއަކަށް ސޯލާއިން ކަރަންޓް އުފެއްދުން ދަށްވެ އޭގެ ސަބަބަުން މުޅި ރަށުން ކަރަންޓް ކެނޑި މީހުންގެ މުދަލަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ނަމަވެސް ކެޕޭސިޓި އިތުރަށް ފުޅާކޮށް ބެޓެރީ ސިސްޓަމް ވަރުގަދަ ކޮށްގެން އެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް ސޯލާ ޕެނަލް ހަރުކުރާނަމަ ރަށްރަށުގެ ހަކަތައިގެ ވިއުގަ އިތުރަށް ތަރައްގީކޮށް ބެޓަރީ ސްޓޯރޭޖް ސިސްޓަމް ކެޕޭސިޓީ ބޮޑުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.