އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނަން: އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ -- އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ނޫސްވެރިންނާ މިއަދު ބައްދަލުކޮށް މެންބަރުން ދެއްކެވި ވާހަކަތަކުގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ މަޖިލީހުގައި ކުރަންޖެހޭ ރައްޔިތުންނާ ގުޅުންހުރި ބައެއް މަސައްކަތްތައް ކުރުން ލަސްވާ ކަމަށާއި އަވަސްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްވެސް ކުރާނެ ކަމަށެވެ.

އެކަން ރަނގަޅުކުރެވޭނީ ސަރުކާރު އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ޕީއެންސީގެ އެއްބާރުލުން ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން ދެން،" މައުރޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތައް ލަސްވާތީ އެކަމާބެހޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.