އިރާން ސަރުކާރުގެ އިސް ވެރިންގެ ގެތަކަށް އަމާޒުކޮށް ހަމަލާދޭން އިޒްރޭލުން ތައްޔާރުވެއްޖެ އެވެ.
އިޒުރޭލުގެ ޗެނަލް 14 އިން މިއަދު ބުނި ގޮތުގައި އިރާނުގެ އިސް އޮފިޝަލުންގެ އަމިއްލަ ގެތަކަށް ހަމަލާދިނުމަށް އިޒުރޭލުން ވަނީ މަޝްވަރާކޮށް ރޭވުންތަކެއް ރާވާފަ އެވެ.
އިރާނުން ދިން ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން މި ހަމަލާތައް ރާވަމުންދަނީ އެ ގައުމުގެ އަސްކަރީ އިސްވެރިންނާއި ޖާސޫސީ އިދާރާ -- މޮސާޑުގެ ބެލުމުގެ ދަށުންނެވެ.
މީގެ އިތުރުން ހިޒްބުﷲ އިން ބޮޑުވަޒީރު ނަތަންޔާހޫގެ ގެއަށް ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމަށްވެސް ވަނީ ނިންމާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާގެ ތަފްސީލީ މައުލޫމާތު އެނގެނީ ހަމައެކަނި އަސްކަރިއްޔާގެ އިސްވެރިންނާއި، މޮސާޑްގެ އިސްވެރިންނާއި ބޮޑުވަޒީރު ނަތަންޔާހޫ އަށެވެ. އެއާފޯސްއަށް އަމާޒުތަކުގެ މައުލޫމާތު ލިބޭނީ ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
އިރާނުން އިޒުރޭލަށް މި މަހުގެ އެއްވަނަ ދުވަހު ބެލިސްޓިކް އަދި ހައިޕަސޮނިކް މިސައިލްތަކުން ހަމަލާދިނެވެ.
މިހަމަލާތަކަށް ބަދަލުހިފާނެ ކަމަށް އިޒުރޭލުން އޮތީ ބުނެފަ އެވެ. އަދި އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށްވެސް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެފަދަ ތަންތަނަށް ހަމަލާ ދިނުމަށް އިޒުރޭލަށް ވާގިވެރިވާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދެކޮޅެވެ.