އެމެރިކާ ސަރުކާރުގެ ވެރިން އެކި ކަންކަމަށް ކުރައްވާ ހަރަދުތައް ކުޑަ ނުކުރައްވައިފިނަމަ ގައުމު ބަނގުރޫޓުވުމުގެ ބިރު އޮތް ކަމަށް، ބިލިއަނަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވެ އިންޒާރު ދެއްވައިފި އެވެ.
މަސްކު ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާ ބަނގުރޫޓުވުމުން ސަލާމަތްކުރެވެން އޮތީ ހަރަދު ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ނޫން ގޮތެއްގައި ދަރަންޏާ ހެދި އާންމު ފަރުދަކު ބަނގުރޫޓުވާ ފަދައިން، އެމެރިކާ ބަނގުރޫޓު ވެދާނެ އެވެ.
ގައުމުގެ މާލިއްޔަތަށް ވަންނަ ފައިސާ އިން ދަރަނި ދައްކާފައި އިތުރު ކަމެއް ކުރާނެ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް މަސްކް ވިދާޅުވި އެވެ.
ޓެކުހުން ކިތަންމެ ފައިސާއެއް ލިބުނު ނަމަވެސް އެއީ ފެންނަން އޮތް އެއްޗަކަށް ނުވެ އިންޓަރެސްޓްގެ ގޮތުގައި ހޭދަކުރަން ޖެހުމަކީ އަދި ވަކިން ބޮޑު ހިތާމައަކަށް ވާނެ ކަމަށް -- އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވައި މަސްކް ލިޔުއްވި އެވެ.
އެމެރިކާގެ ތާރީހަށް ބަލާއިރު އާދަކާދައިގެ ސަބަބުން ދަރަނި ބޮޑުނުވާ ކަމަށް މަސްކް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ދަރަނި ބޮޑުވެ އަރައިގަނެވޭ ވަރު ނުވާ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ހިންގަން ގާބިލު މީހުން ނެތުން ކަމަށެވެ.
މި އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ މެދުގައި އެންމެ ހޫނު ސުރުހީ އަކީ ވެސް އެމެރިކާގެ ދަރަނި ހަމަކައަށް އެޅުވުމެވެ.
ރިޕަބްލިކަން ކެންޑިޑޭޓުގެ ގޮތުގައި -- ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅި ގޮތުން އެމެރިކާގެ ދަރަނި އާދަޔާ ހިލާފަށް ބޮޑުވުމުގައި ބައިޑަންގެ އިހުމާލު އެބައޮތެވެ.
އީލޮން މަސްކް ހުންނެވީ ޓްރަމްޕާ އެކު -- މި އިންތިކާބު ޓްރަމްޕަށް ކާމިޔާބުކޮށްދެއްވުމަށް ނުކުމެވަޑައިގެންނެވެ.
ޓްރަމްޕަށް އެމެރިކާގެ ރައީސްގެ މަގާމު ލިބިވަޑައިގެންފިނަމަ މަސްކަށް ޝަރަފުވެރި މަގާމެއް -- ސަރުކާރުން ބާރުގަދަ މަގާމެއް ހުށަހަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީލޮން މަސްކަށް ދެއްވާ ބާރުތަކުގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުން ވަކިކުރުން ވެސް ހިމެނެ އެވެ. އިގުތިސާދީ އެޖެންޑާ ތައްޔާރުކުރެއްވުމާއި ޒުވާން ޖީލު އެމެރިކާގެ ވެރިކަމަށް ތައްޔާރުކުރުންވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަސްކް އެދިވަޑައިގެންފިނަމަ ކޮންމެ މީހަކުވެސް މަގާމުން ދުރުކުރެވޭނެ އެެވެ.