އިލަން މަސްކް

އީމެއިލްއަށް ޖަވާބު ނުދޭ ހުރިހާ މުވައްޒަފުން ވަކިކުރާނަން: މަސްކް

ހަފްތާގެ މަސައްކަތު ރިޕޯޓު ނުފޮނުވާ ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެމެރިކާ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ޑިޕާޓްމަންޓް -- ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝަންސީ (ޑޯޖު)ގެ ވެރިޔާ އިލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މުވައްޒަފުންނާ ގުޅޭ މި ނިންމުން އިއުލާނުކުރައްވަމުން މަސްކު ވިދާޅުވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އީމެއިލް މެދުވެރިކޮށް މިދިޔަ ހަފްތާގެ މަސައްކަތު ރިޕޯޓު ފޮނުވަން އެންގި ކަމަށެވެ. އީމެއިލްއަށް ޖަވާބު ނުދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޑޯޖުގެ ވެރިޔާގެ ގޮތުގައި މަސްކު އައްޔަންކޮށްފައިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކަ އެވެ. ނަމަވެސް މުވައްޒަފުން ވަކިކުރުމުގެ ގާނޫނީ ބާރު އެ ޑިޕާޓްމަންޓަށް ލިބިފައި ނުވާ ކަމަށް ގާނޫނީ މާހިރުން ބުނެ އެވެ.

މަސްކުގެ މި އިންޒާރާ އެކު މުވައްޒަފުންގެ ޔޫނިއަނުތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފަ އެވެ. އަދި ވަކިކުރަން އުޅޭ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޔޫނިއަންތަކުން ބުންޏެވެ.

އެމެރިކާގެ ސަރުކާރު ކުޑަކޮށް ސަރުކާރުން ކުރަމުންދާ އިސްރާފު ނުވަތަ ބޭކާރު ހަރަދުތައް ކުޑަކުރުމަށް އިންތިހާބުވުމުގެ ކުރިން ޓްރަމްޕް ވައުދުވެވަޑައިގެންފައިވެ އެވެ. ޑޯޖު އުފައްދާފައިވަނީ އެ މަގުސަދުގައި ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވި އެވެ.