މިނިސްޓަރު އިބްރާހީމް ފައިސަލް

ހަނިމާދޫ އެއާޕޯޓާއެކު 4،000 އެނދު ތަރައްގީކުރަނީ

އުތުރުގައި ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު 4،000 އެނދު ތަރައްގީކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ޓޫރިޒަމް ނެތް ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ވައުދުފުޅާ އެއްގޮތަށް ހދ. އަތޮޅުގައި ވެސް ޓޫރިޒަމް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޓޫރިޒަމް ބޭނުމަށް ހދ. އަތޮޅުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 460 އެނދު ކަމަށާއި ހދ. އަތޮޅުގެ އިތުރު ތިން ތަނެއް ފަތުރުވެރިކަމަށް ދޫކޮށް، ޖުމްލަ 1،886 އެނދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައީސް މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުދިއްލީ އަދި މުމްބާއީގައި ބޭއްވި ފޯރަމްތަކުގައި އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެތަނުގެ އިންވެސްޓަރުންނާ ހިއްސާވެސް ކުރެއްވި ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާގައި ދުބާއީއާއި ސިންގަޕޫރާއި ތައިލެންޑުގެ އިތުރުން އިންޑިއާގައި އިންވެސްޓަރުންގެ ފޯރަމްތަކެއް ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގެ ޕްލޭންތަކާއި ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކު ފަންޑުކޮށްގެން ހަނިމާދޫގައި ތަރައްގީކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެ ކުރިން އުތުރު އަތޮޅުތަކުގައި ޖުމްލަ 4،000 އެނދު ތަރައްގީކުރާނެ ކަމަށެވެ.

"ހަނިމާދޫއަށް އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެތަނުގެ ކަނެކްޓިވިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރި އެރުމެއް. އެހެންވީމަ އެއާޕޯޓު ނިމުމުގެ ކުރިން އެތަނަށް ހަތަރު ވަރަކަށް ހާސް އެނދު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސްގެ އިރުޝާދާ އެއްގޮތަށް އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް ޓޫރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.