އުތީމު ފުޓްސަލް ކަޕުގެ ސެމީ ފައިނަލުގައި އެރަށު ކޯޓާއި ކައުންސިލް އަދި ފެނަކަ އާއި ސިއްހީ މަރުކަޒު ވާދަކުރަން ޖެހިއްޖެ އެވެ.
ސެމީ ފައިނަލްގެ ދެ މެޗު މި ގޮތަށް ތަރުތީބުވީ މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޯޓާއި ގާޒީ ބަންޑާރައިންގެ ސްކޫލް ވާދަކޮށް 1-1އިން އެއްވަރުވުމުންނެވެ.
މި ނަތިޖާގެ ސަބަބުން ގްރޫޕް ބީގެ އެއްވަނަ ލިބުނީ ކޯޓަށެވެ. ދެ ވަނަ ސިއްހީ މަރުކަޒަށް ލިބުނުއިރު ސެމީ އަށް ނުގޮސް ކެޓީ ސްކޫލެވެ.
ޕޮއިންޓްގެ ގޮތުން ގްރޫޕް އޭގެ ތިން ޓީމު އެއްވަރުވުމުން ގޯލުގެ ތަފާތުން އެއްވަނަ ލިބުނ ފެނަކަ އަށެވެ. ދެ ވަނަ ކައުންސިލަށް ލިބުނުއިރު މުބާރާތުން ކެޓީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒެވެ.
އެސްޓީއޯއިން މެއިން ސްޕޮންސާކޮށް، އުތީމު ކައުންސިލުން އިންތިޒާމްކުރާ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ. ބައްދަލުކުރާނީ ފެނަކަ އާއި ސިއްހީ މަރުކަޒެވެ. ކައުންސިލާއި އެންމެ ފަހުގެ ޗެމްޕިއަން ކޯޓު ކުޅޭ ސެމީގެ ދެ ވަނަ މެޗު އޮންނާނީ މާދަމާނޫން އަނެއް ދުވަހު އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އުތީމު ޒުވާނުންނަށް ކުޅިވަރުގައި އިތުރަށް ކުރިއަށް ދިއުމަށް މަގު ފަހި ކުރުމުގެ ގޮތުން ބާއްވާ މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ތިލަފުށި ކޯޕަރޭޝަނާއި ރަވިންސް އަދި ރެޑްވޭވާއި މިފްކޯގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝުޖާއު މުހިންމު ދައުރެއް އަދާކުރެ އެވެ.