ގާޒާ

ޣައްޒާގައި މަރުވި މީހުންގެ އަދަދު 44،000 އަށް

އިޒުރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 44،000 މީހުން މަރުވެއްޖެ އެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިހަމަލާތަކާ ގުޅިގެން 100،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޒަހަމްވެސް ވެފަ އެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތިބުމާއެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެސް ވެއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަރުވެފައިވާ މީހުންގެ 70 ޕަސަންޓަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒުރޭލުގެ ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އަދި މިސްކިތްތަކަށް އަމާޒުކުރަމުންދާއިރު، މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުވެސް ގެއްލިފައި ވެއެވެ.

އިޒުރޭލުން ހަމަލާތައް ފެށި ފަހުން ހަމާސްގެ އެންމެ އިސް ލީޑަރުން ކަމަށްވާ އިސްމާއިލް ހަނިއްޔާ އާއި ސިންވާރުވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އިރާންގައި އޭނާ ހުންނެވި އިމާރާތް ގޮއްވާލައިގެންނެވެ. ސިންވާރު އަވަހާރަކޮށްލީ އޭނާ އިންނެވި އިމާރާތަކަށް ހަމަލާދީގެންނެވެ.