ދުނިޔެ

އީރާނަށް ހަމަލާދޭން 100 އަށް ވުރެ ގިނަ ފައިޓަރުޖެޓު އިޒުރޭލުން ބޭނުންކުރި

އީރާންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް އިޒުރޭލުން މިއަދު ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ ފައިޓަރު ޖޭޓު ބޭނުންކުރި ކަމަށް އިޒުރޭލުގެ ދިފާއީ ބާރު، އައިޑީއެފްއިން ބުނެފި އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި އެފް35 މަރުކާގެ ފައިޓަރު ޖެޓުތައް ގިނަ އަދަދަކަށް ބޭނުންކުރި ކަމަށް އައިޑީއެފުން ވަނީ ބުނެފަ އެވެ.

އިޒުރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އީރާންގެ އަސްކަރީ މަރުކަޒުތަކަށެވެ. މި ގޮތުން މިސައިލާއި ޑްރޯން އުފައްދާ އަސްކަރީ ކާރުޚާނާތަކަށް ހަމަލާދިނެވެ.

އީރާންގެ މަދަދާ އެކު ސީރިއާގައި ހިންގާ ރާޑަރު ސްޓޭޝަނަކަށް ވެސް އިޒުރޭލުން ވަނީ މިސައިލުން ހަމަލާދީފަ އެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ބުނި ގޮތުން އީރާނަށް ހަމަލާދިނުމަށް އެފް35 މަރުކާގެ ފައިޓަރު ޖެޓުތައް 2،000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރި އެވެ.

އައިޑިއެފުން ބުނި ގޮތުން އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދީފައެއް ނުވޭނެވެ. އަދި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ހަމަލާނުދޭ ކަމަށް ވެސް އައިޑީފުން ބުންޏެވެ.

ނިއުކްލިއާ އިންޖީނުގެ ތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާ ނުދިނީ، އީރާން އާއި އިޒުރޭލާ ދެމެދު ބޮޑު ހަނގުރާމައެއް ކުރަން ބޭނުން ނުވާތީ ކަމަށް އައިޑީއެފުން ބުންޏެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އީރާނަށް ހަމަލާދިނުމަށް އިޒުރޭލުން މި ވަގުތަށް ކަނޑައަޅާފައި އޮތް ވަރު ނިމުނީ އެވެ. އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ބުނަނީ އީރާންގެ ރައްދަށް ބަލާފަ އެވެ.