މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ދެމެހެއްޓެނިވި މަސްވެރިކަމަށް އާއީޖާދުތައް މުހިންމު

ދެމެހެއްޓެނިވި މަސްވެރިކަމަކަށް އާއީޖާދުތައް މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ޗައިނާގެ ޝިންޑާއޯގައި މި މަހުގެ 24 އިން 25 އަށް ކުރިއަށް ދިޔަ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ވާހަކަ ދައްކަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ގައުމެއް ކަމަށްވަތީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާއަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާ ކަމަށެވެ.

ޝިޔާމު ވިދާޅުވީ އެކަމުގެ ސަބަބުން މަސްވެރިކަމަށްވެސް ނުރަނގަޅު އެތައް އަސަރެއް ކުރާ ކަމަށެވެ. އަދި މަސްވެރިކަމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުންވެސް އެ ސިނާއަތަށް ބަރޯސާވާ އެތައް ބަޔަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ކުރަމުންދާ މަސްވެރިކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އާ އީޖާދުތަކާއި އާ ވަސީލަތް ހޯދަންޖެހޭ ކަމަށެވެ.

ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާ ކުރުމަށް ލިބުނު މުހިއްމު ފުރުސަތެއް ކަމުގަގައިވެސް ޝިޔާމު ވިދާޅުވި އެވެ.

"ކަނޑުގެ ވަސީލަތްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުންވެސް މުހިއްމުކަން މިފަދަ ފޯރަމެއްގައި ފާހަގަކުރަން،" ޝިޔާމު ވިދާޅުވި އެވެ.