ފްރާންސްގެ ނަން މަޝްހޫރު ފުޓްބޯޅަ މަޖައްލާ -- ފްރާންސް ފުޓްބޯލް އިން އިންތިޒާމު ކުރި ބެލޮންޑިއޯ އެވޯޑް ހަފްލާ ސްޕެއިންގެ ވަރުގަދަ ކްލަބް ރެއާލް މެޑްރިޑުން ބޮއިކޮޓްކޮށްފި އެވެ.
ޕެރިހުގައި ބޭއްވި މި ހަފްލާގައި ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކުވެސް އަދި އޮފިޝަލަކުވެސް ބައިވެރިނުވީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެ ކްލަބުގެ ތަރި ވިނިޝިއަސް ޖޫނިއާ އަށް ނުލިބޭނެކަން އެނގުމާ ގުޅިގެންނެވެ.
ސްޕެއިންގެ މީޑިއާތަކުން ރެއާލް މެޑްރިޑާ ހަވާލާދީ ބުނެފައިވަނީ އެ ކްލަބަށް އިހްތިރާމް ނުކުރާ ތަނަކަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ބެލޮންޑިއޯ އިންތިޒާމު ކުރާ ފަރާތާއި ޔުއެފާއިންވެސް އެ ކްލަބަށް އިހްތިރާމް ނުކުރާ ކަމަށް ރެއާލް މެޑްރިޑުން ވަނީ ބުނެފަ އެވެ.
މި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ރެއާލް މެޑްރިޑްގެ ކާލޯ އެންޗެލޮއްޓީއަށް ލިބުނެވެ. އަދި އަހަރުގެ އެންމެ ގިނައިން ލަނޑުޖެހި ދެ ކުޅުންތެރިންގެ ތެރޭގައި އެ ކްލަބުގެ ކިލިއަން އެމްބާޕޭ އާއި ވިނިޝިއަސް ހިމެނެ އެވެ.
މިދިޔަ ސީޒަންގައި 24 އަހަރުގެ ވިނިޝިއަސް ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަ ލީގާ ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރީ އޭނާއަށް މި އެވޯޑް ލިބޭނެ ކަމަށެވެ.
ބެލޮންޑިއޯ އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ އެވޯޑް ލިބޭ ފަރާތްތަކުގެ މައުލޫމާތު ކުރިން އެއްވެސް ފަރާތަކަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް އެވޯޑް ހަފުލާގެ މާކުރިން ވިނިޝިއަސްއަށް އެވޯޑް ނުލިބޭނެކަން ހާމަވެގެން ދިޔަ އެވެ.
ސްޕެއިންގެ މާކާ ނޫހުން ބުނެފައިވާ ގޮތުގައި ކުރިން ރެއާލް މެޑްރިޑުން ނިންމާފައިވަނީ 50 މެމްބަރުންގެ ޓީމެއް މި ހަފްލާއަށް ފޮނުވުމަށެވެ.