ހިޒްބުﷲ

ހިޒްބުﷲގެ އާ ލީޑަރަކަށް ނާއިމް ގާސިމް

ލުބުނާނުގެ ނުފޫޒުގަދަ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲގެ އައު ލީޑަރު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނާއިމް ގާސިމް އައްޔަންކޮށްފި އެވެ.

މި މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ އެ ޖަމާއަތުގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ، އިޒުރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ނަސްރުﷲ ޝަހީދުކޮށްލާފައިވަނީ މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒުރޭލުން ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނަސްރުﷲ ޝަހީދުކޮށްލާފައިވަނީ ބާރުގަދަ ބޮމުގެ ހަމަލާގައި އެއްޗެއް ދަށުވެ، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ. މި ހަމަލާގައި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ނާއިމް ގާސިމް ހިޒްބުﷲއާ އެކުގައި ކުރާ މަސައްކަތުގެ ދަތުރު ފެށީ 1991 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ އޭރުގެ ސެކްރެޓަރީ ޖެނެރަލް އައްބާސް އަލް މުސާވީގެ ދަށުން ޑެޕިއުޓީ ޗީފްގެ މަގާމުގަ އެވެ. 1992 ވަނަ އަހަރު އަލް މުސާވީ އިޒުރޭލުގެ ހެލިކޮޕްޓަރު ހަމަލާއެއްގައި ޝަހީދުކޮށްލުމުން ނާއިމް ވަނީ އޭރު އައު ލީޑަރަކަށް އައްޔަންކުރެވުނު ހަސަން ނަސްރުﷲގެ އިސްނެންގެވުމުގެ ދަށުން އެ މަގާމުގައި ދެމިހުންނަވާފަ އެވެ.

ހިޒްބުﷲގެ އިސް ފަރާތްތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނާއިމް ގާސިމް މި މަގާމަށް ހޮވާފައިވަނީ އޭނާއަކީ އެ ޖަމާއަތުގެ އަސާސީ އުސޫލުތަކާއި ލަނޑުދަނޑިތަކަށް ފުރިހަމައަށް ބޯލަނބާ، އަދި ޖަމާއަތުގެ މަގުސަދުތައް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތްކުރާ ބޭފުޅެއް ކަމަށްވާތީ އެވެ.

ނާއިމް ގާސިމްގެ ލީޑަޝިޕާ އެކު ލުބުނާންގެ ސިޔާސީ އަދި އަސްކަރީ މަޝްރަހްގައި އައު ބާބެއް ފެށިގެންދާނެ ކަމަށް މުރާސިލުން ލަފާކުރެ އެވެ. ނާއިމް ގާސިމްގެ ލީޑާޝިޕްގެ ދަށުން ހިޒްބުﷲ އިން ގެންގުޅޭނެ ސިޔާސަތުތަކާއި، އިޒުރޭލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިވެ އެވެ.

ނާއިމް ގާސިމްގެ ލީޑަޝިޕްގެ ފުރަތަމަ ޗެލެންޖަކީ އޭނާގެ ކުރީގެ ލީޑަރު ޝަހީދުކޮށްލި ފަރާތްތަކާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ނިންމުންތަކެއް ނިންމުމެވެ. މީގެ އިތުރުން މުޅި ސަރަޙައްދުގެ ހަމަޖެހުމާއި އަމަންއަމާންކަމަށް އަސަރުނުކުރާނެ ގޮތަކަށް ހިޒްބުﷲގެ ކުރިމަގުގެ ދައުރު ކަނޑައެޅުމުގެ މަސްއޫލިއްޔަތު ވެސް އޭނާއާ ވަނީ ހަވާލުވެފަ އެވެ.

މި ބަދަލާއެކު ހިޒްބުﷲގެ އާ ލީޑަޝިޕްގެ ދަށުން އިތުރު ބަދަލުތަކެއް އަންނާނެ ކަމަށްވެސް ލަފާ ކުރެވެ އެވެ. ނަމަވެސް ހިޒްބުﷲގެ އަސާސީ މަގުސަދުތަކާއި އުސޫލުތަކަށް ބަދަލެއް ނާންނާނެކަން އިސް ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.