ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ހޮސްޕިޓަލްގައި މިއަދު ފަރުވާ ދޭން ފެށި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ.
"ޑޮކްޓަރުން ދެއްވާ މައުލޫމާތަށް ބަލާއިރު މަޖިލީހުގެ ރައީސް މިރޭ ދޫކޮށްލާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އަބްދުއްރަހީމަށް ހޮސްޕިޓަލަށް ގެންދިޔައީ ސަރުކާރުގެ އިސް ފަރާތްތަކަކާ އެކު ބައްދަލުވުމެއްގައި އިންނަވަނިކޮށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެންނެވެ.
އަބްދުއްރަހީމަކީ ހިތުގެ މައްސަލަތަކެއް ހުންނާތީ ޕޭސްމޭކާ އެއް ލައްވާފައި ހުންނަވާ ބޭފުޅެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މީގެކުރިން އެކި ފަހަރުމަތިން އަބްދުއްރަހީމް ވަނީ ހިތުގެ މައްސަލައިގައި ފަރުވާ ހޯއްދަވާފަ އެވެ.
އަބްދުއްރަހީމަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ބަލާއިރު އެންމެ ތަޖުރިބާކާރު އަދި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.