ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ އެމީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން އެ މީހަކު ނިސްބަތްވާ ޕާޓިއެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅައިފި އެވެ.
މަޖިލީހަށް މިދިޔަ ހޯމަ ދުވަހު މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ. އޭނާ ހުށަހަޅުއްވާފައިވަނީ ގާނޫނުގެ 49 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.
އިސްލާހު ހުށަހަޅާފައިވަނީ ޕާޓީއެއްގެ މެމްބަރަކު ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ އެމީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުުރުމުގެ އިތުރުން އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތް ހެދުމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 މާއްދާ މިހާރު އޮތް ގޮތުން ގާނޫނާ ހިލާފަށް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހެދުމަށް ނަން ހުށަހަޅައިފިނަމަ އެ އަމަލު ހިންގި ފަރާތެއް 5,000 ރުފިޔާ އާއި 10,000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
ލަތީފް ވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު ވެސް ބަދަލުކުރަން ހުށަހަޅާފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީ ތަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކުންނެވެ. ލަތީފް އިސްލާހު ހުށަހަޅުއްވާފައިވަނީ ދައުލަތުގެ އަހަރީ ބަޖެޓްގެ ޕަސެންޓް ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލު ކުރާށެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއެއްގައި ވާދަކުރުމަށްފަހު ނާކާމިޔާބުވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލުމަށްވެސް ލަތީފް ވަނީ ހުށަަހަޅުއްވާފަ އެވެ.