ދުނިޔެ

އަޑުގަދަކުރާތީ އެމެރިކާ އަންހެނަކު ތިން ދަރިންގެ ކަރުގައި ވަޅި އަޅައިފި

ދަރިން ރޮއެ އަޑުގަދަކުރާތީ އެ ކުދިން ހުއްޓުވަން އެމެރިކާ އަންހެނަކު އޭނާގެ ތިން ދަރިންގެ ކަރުގައި ވަޅި އަޅައިފި އެވެ.

ފުލުހުން ބުނީ ދަރިންގެ ކަރުގައި ވަޅި އަޅައި މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ މީހެއް ކަމަށެވެ. އެމެރިކާ ފުލުހުން ބުނީ މިދިޔަ ހަފުތާ ބަންދުގައި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ 911 އަށް ގުުޅުމަށް ފަހު، އޭނާގެ ތިން ދަރިން ހުއްޓާނުލައި ރޮނީ ކަމަށާއި ވެގެން އުޅޭ ގޮތެއް ނޭނގޭ ކަމަށް ބުނެ ކުރި ރިޕޯޓަކަށް ފަހުގައި ކަމަށެވެ.

ފުލުހުން އެ ގެޔަށް ދިޔައިރު ސިޓިންރޫމްގެ ސޯފާ މަތީގައި ހަ މަހުގެ އެއްމާބަނޑު ދެ ކުދިން ރޯން އޮތް ކަމަށާއި އެ ކުދިންގެ ކަރުން ހޯސްލާފައި ލޭ ފައިބަމުން ދިޔަ ކަމަށް، ކޯޓަށް ހުށަހެޅި ބަޔާންތަކާ ހަވާލާދީ ސީއެންއެން ގައި ބުނެފައިވެ އެވެ. އަދި ގޭގެ މަތީ ބުރިއަށް އަރައި ބެލި އިރު ދެ އަހަރުގެ ކުއްޖަކު ރަޖާ އަޅައިގެން އެނދުގައި އޮވެ ރޮމުން ދިޔަ ކަމަށާއި އެނދުގައި ހިކިފައި ލޭ ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ތިން ކުދިން ވެސް ހޮސްޕިޓަލަށް ގެންގޮސް ސާޖަރީ ހެދުމަށް ފަހު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ.

އަންހެން މީހާ ވަނީ ކުދިންގެ ކަރުގައި ވަޅި އެޅި ކަމަށް އެެއްބަސްވެފަ އެވެ. ނަމަވެސް އޭނާ އެކަން ކުރީ ވިއެހުމާ ގުޅިގެން ކުރިމަތިވި ޑިޕްރެޝަންގެ ތެރޭގައި ހުރެގެން ކަމަށް ބުނެފައިވެ އެވެ. އޭނާގެ ފިރިމިހާ ވެސް ބުނެފައި ވަނީ އަންހެނުންނަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެ ބޭސް ކަމުން އަންނަ ކަމަށެވެ.

އަންހެން މީހާ ކުދިންގެ ކަރުގައި ވަޅި އެޅީ ފިރިމީހާއާ އެކު ފިލްމު ބަލަން އިނދެފައި، ދަރިން ރޯތީ އެ ކުދިން ނިންދަވަން ބައިތިއްބާފައި އަންނާނެ ކަމަށް ބުނެފައި ގޮސް ކަމަށް ބަޔާންތަކުގައިވެ އެވެ. އަދި މިއީ ދަރިން ބެލުމުގައި ފިރިމީހާ އެހީތެރި ނުވާތީ އެކަމާ ކުރިމަތިވެފައި ހުރި ހިތްހަމަނުޖެހުން ބޮޑުވެގެން ކުރެވުނު ކަމެއް ކަމަށް ވެސް އަންހެން މީހާ ބުނެފައިވެ އެވެ.

މިކަން ކުރި އަންހެން މީހާ އަކީ ހިތްހެޔޮ ރަނގަޅު މީހެއްގެ ގޮތުގައި އޭނާގެ އަވަށްޓެރިން ސިފަކުރެ އެވެ.