ރާއްޖެ ކުޅިވަރު

ފެނަކަ ބަލިކޮށް، ސިއްހީ މަރުކަޒު ފައިނަލަށް

ސެމީ ފައިނަލުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން ފެނަކަ ކޯޕަރޭޝަން 4-2އިން ބަލިކޮށް އުތީމު ޔުނިޓީ ކަޕުގެ ފައިނަލަށް ސިއްހީ މަރުކަޒު ދަތުރުކޮށްފި އެވެ.

މިއަދުގެ މެޗުގައި ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1އިން އެއްވަރުވުމުންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ސިއްހީ މަރުކަޒުގެ އަބުދުލްކަރީމް އާދަމެވެ. އޭނާގެ މި ލަނޑަށް ފަހު ފެނަކަ އަށް އެއްވަރުކޮށްދިނީ ފަހު ހާފުގައި ހަސަން ރަމީޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިއްހީ މަރުޒަރުގެ މުހައްމަދު ރިފްޝާނެވެ.

މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގެ ފަހު މެޗުގައި މާދަމާ އުތީމު ކައުންސިލާއި އެރަށު ކޯޓު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. ކޯޓަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.

އުތީމު ޒުވާނުންގެ މެދުގައި ކުޅިވަރުގެ ފޯރިއާލާ ކުރުމަށް އެރަށު ކައުންސިލުން އިންތިޒާމް ކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މުބާރާތަށް ދެން އެހީތެރިވެއްދެއްވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ރަވިންސާއި އެފްއޭއެމާއ ޔޫތު މިނިސްޓްރީ އަދި ރެޑްވޭވާއި މިފްކޯ އެވެ.

ހުސްވި ހަފުތާގައި ފެށި މުބާރާތުގައި ބައިވެރިވީ ޖުމުލަ ހަ ޓީމެވެ. މި ހަ ޓީމު ދެ ގްރޫޕަކަށް ބަހާލުމަށްފަހު ސެމީ އަސް ހޮވުނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.