މިނިސްޓްރީ އޮފް ހެލްތު

ދެވަނަ ބުރުގައި އަވީއެފް ހެދުމަށް އެހީދޭ 63 މީހުން ކަނޑައަޅައިފި

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމުގެ ދެވަނަ ބުރުގައި އެހީ ދޭ 63 މީހެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ކަނޑައަޅައިފި އެވެ.

އެންސްޕާ އިން ބުނީ އައިވީއެފް ހެދުމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެ މުއްދަތުގައި ޖުމްލަ 215 މީހުން ކުރިމަތި ލާފައިވާ ކަމަށެވެ.

އެންސްޕާއިން ބުނީ މިއަހަރު އައިވީ އެފް ހެދުމަށް އާސަންދައިން އެހީ ލިބޭ 100 ފަރާތުގެ ތެރެއިން ދެވަނަ ބުރުގައި އެހީ ލިބޭ 63 ފަރާތެއް މިހާރު ކަނޑައަޅައި އަންގަމުންދާ ކަމަށެވެ.

އެންސްޕާ އިން ބުނީ މިލިސްޓުގެ މައުލޫމާތު ހާމަކޮށްފައިވަނީ އެހީއަށް އެދިފައިވާ ފޯމުގެ އެންޓްރީ ނަންބަރު އެނގޭ ގޮތަށް ކަމަށެވެ. އަދި ޝަރުތު ހަމަވި މީހުންގެ އިތުރުން، ޝަރުތު ހަމަނުވާ މީހުންނާއި އެކަމުގެ ސަބަބުވެސް އާއްމުކުރި ލިސްޓްގައި ހިމަނާފައި ވާނެ ކަމަށް ބުންޏެވެ.

އެންސްޕާއިން ބުނީ ދެވަނަ ބުރުގައި އެހީ ލިބޭ މީހުންގެ ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ކަންކަން ހިއްސާކުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އެންސްޕާ އިން އާއްމުކޮށްފައިވާ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އީމެއިލް އެކުން އެ މައްްސަލަ އެންގުމަށްވެސް އެންސްޕާ އިން އެދިފައިވެ އެވެ.