ރާއްޖެ ކުޅިވަރު

ބައި ގޯލަކުން މާޒިޔާ އަށް މުހިންމު މޮޅެއް

ސައުތު ޗައިނާ ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލުން 2-1އިން މޮޅުވެ، އޭއެފްސީ ކަޕުގައި މާޒިޔާ ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

ވަރަށް ލަސް އަދި އާދައިގެ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސައުތު ޗައިނާއިންނެވެ. މި ލަނޑު ޖެހީ 36 ވަނަ މިނިޓްގައި ޗާން ސިއު ފިލިޕް އެވެ.

ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނު މާޒިޔާ އަށް ފަހު ހާފުގައި އެއްވަރުކޮށްދިނީ 51 ވަނަ މިނިޓްގައި ކުރީގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ކީޕަރު ނެތީސް ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް މައްޗަށް އެރި ބޯޅަ އޭނާ ގޯލަށް ފޮނުވާލީ ކައިރީގައި ތިބި ޑިފެންޑަރުންނަށް ފުރުސަތުނުދީ އެވެ.

މާޒިޔާ މޮޅުވި ލަނޑަކީ 68 ވަނަ މިނިޓްގައި ޗެއުންކިންފަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަރިމަތިން ނެގި ހުރަސް ކައިރީގައި ކުޅުންތެރިއަކު ވެސް ނެތިހުއްޓައި އޭނާ ސާފުކޮށްލަން ޖެހުމުން ނެރެން ޖެހުނީ ގޯލުގެ ތެރެއިންނެވެ.

މި މޮޅާއެކު މާޒިޔާ އަށް ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނަ ލިބިފަ އެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ސައުތު ޗައިނާ އޮތީ ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އިންޑިޔާގެ ވަރުގަދަ މޯހަން ބަގާން އެވެ. ދެ ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ގޯލުގެ ތަފާތުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑެވެ.