ރިޔާސީ އިންތިހާބު ކަހަލަ ރައްޔިތުންގެ ހައްގު ބޮޑު އިންތިހާބުތަކުގައި ވޯޓުލުން އެންމެ ރަނގަޅީ ކަރުދާހުގައި ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕް ކުރިން ދެއްކެވި ވާހަކަތައް އަނެއްކާވެސް ތަކުރާރުކުރައްވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ ވޯޓުލުމުގެ މުއްދަތު އެއްދުވަހަށް ވުރެ އިތުރުވުމަކީ ވެސް މައްސަލައެއް ކަމަށެވެ.
އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބު މާދަމާ އޮންނާނެ އެވެ. މި އިންތިހާބުަގައި ރިޕަބްލިކަން ކެންޑިޑޭޓަކީ ޑޮނަލްޑް ޓްރަމްޕް އެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓަކީ ކަމަލާ ހެރިސް އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ނިޒާމުތަކަކީ ގައުމުން ބޭރުގައި ތިބޭ ބަޔަކަށް ވަދެގަންނަން ފަސޭހަ ނިޒާމެކެވެ. އޭގެ ބަދަލުގައި ކަރުދާހުގައި ވޯޓުލާނަމަ، އެނެމެންގެ ކުރިމަތީގައި އެކަމެއް ހިނގައި ނިމިދާނެ އެވެ.
ވޯޓުލުމުގެ މުއްދަތު އެއްދުވަހަށް ވުރެ އިތުރުވުމަކީވެސް ބޮޑު މައްސަލައެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އާންމު ރައްޔިތުންނާ ގުޅުން އޮންނަ މުއާމަލާތްތައް ހިނގަންވާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ވޯޓާ ގުޅުން އޮންނަ މައްސަލަތަަކަށް އެންމެ ރަނގަޅު ގޮތަކީވެސް ކަރުދާހުގައި ވޯޓުލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އޮޓަމެޓިކް މެޝިންތައް ބޭނުންކޮށްގެން ވޯޓުލުމަކީ ނަތީޖާ އޮޅުވާލުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ހެކަރުން މެޝިންަތަކަށް ވަދެގަތުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ވިިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުން ވޯޓުން ވައްކަންކުރާ މީހުން އެމެރިކާގައިވެސް ވަރަށް ގިނަ އެވެ. އިލެކްޓްރޯނިކް ނިޒާމުތައް ބޭނުންކުރުން ހުއްޓާލަން ޖެހެނީ މި ސަބަބަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.