ޓެރަރިޒަމް

އަމީންގެ ޓެރަރިޒަމްގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމައިފި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނާ ޏ. ފުވައްމުލަކު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ސާބިތުވެފައިވާ ޓެރަރިޒަމްގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފި އެވެ.

އަމީންގެ މައްޗަށް ތުހުމަތުކުރާ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނާ މައްސަލައިގައި އަމީންގެ މައްޗަށް ދައުލަތުން ކުރީ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.

މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރު އަޑު އެހުންތަކެއްގެ ގޮތުގައެވެ. ސިއްރުން ކުރިއަށް ގެންދިޔަ މި އަޑު އެހުންތަކަށް ފަހު، އަމީންގެ މައްޗަށް 27 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އަމީންގެ މައްޗަށް އިއްވާފައިވާ 27 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފު އަޑު އެހުންތައް މިއަދު ވަނީ ފަށާފަ އެވެ.

ދަށު ކޯޓުގައި އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލަ ހައިކޯޓުގައިވެސް ސިއްރުން ކުރިއަށް ގެންދިޔުމަށް އަމީންގެ ފަރާތުން ވަކީލް ކޯޓުގައި އެދުނެވެ. އެހެންނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރި އެވެ.

ދައުލަތުން ބޭނުންވީ މި ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުންވެސް ނިންމީ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ގެންދާށެވެ.

އަމީނަކީ ސަލްޓަންޕާކްގައި ގޮއްވާލި ބޮމުގެ މައްސަލާގައިވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން އޭނާ ހުރީ މުޖުތަމައަށް ދޫކޮށްލާފަ އެވެ.

އަމީނަކީ އެމެރިކާ އިން ނެރެމުންދާ ޓެރަރިސްޓުންގެ ލިސްޓުގައި ނަން އޮންނަ މީހެކެވެ.