ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ނިންމަވައިފި އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު ހޮވުމުގެ އިތުރުން މެމްބަރުން ވަނީ ބަޖެޓް މަަސައްކަތް ނިންމާނެ ދުވަހެއް ކަނޑައަޅާފަ އެވެ.
އެގޮތުން ކޮމިޓީން ނިންމީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހަށް ނިންމުމަށެވެ. އަދި ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ މިދިޔަ މަހު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރި ކޮމިޓީގައިވެސް މުގައްރިރުކަން ކުރެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މި ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވާފައިވަނީ އޭދަފުށީ ދައިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
ބަޖެޓް ކޮމިޓީން ވަނީ ބަޖެޓާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށްޓަަކައި އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލްގެ ހުލާސާ ބަޔާނެއް ހޯދުމަށާއި އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ތަފްސީލާއި ސަރުކާރުގެ އެކި އޮފީސްތަކާ ގުޅޭ ބަޖެޓުގެ ތަފްސީލު ހޯދުމަށް އެ އިދާރާތަކުގައި އެދުމަށްވެސް ނިންމާފަ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހަރަދު ކުޑަކުރުމަށް އަންނަ އަހަރު ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ފިޔަވަޅުތަކާއެކު އަންނަ އަހަރު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.