އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއު ލަސްވެފައިވަނީ މަޝްރޫއުގެ ހަމަ އަގަށްވުރެ އިތުރަށް 80 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭތީ އެ އަދަދު ދައުލަތުން ސަލާމަތްކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތާއި ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އެ މަޝްރޫއުގެ ސްކޯޕަށް އައި ބަދަލާއި ޒަމާނީކޮށް އަރަބިއްޔާ އެޅުމަށްޓަކައި ކޮންޓްރެކްޓަރާ މަޝްވަރާ ކުރެވުނު ކަމަށެވެ.
އެ މަޝްވަރާތަކުން ލިބުނު އަގުތައް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްކުރީ (ސަރުކާރުގެ) ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަން. އެހެން ނަމަވެސް ފެއްޓުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން ގަބޫލުކުރެވުނީ ގާތްގަނޑަކަށް ރައްޔިތުންގެ ފައިސާއިން 80 އެތައް މިލިއަން ރުފިޔާ އަގުބޮޑުކޮށްކަން އެކަން ކުރަންޖެހޭނީ،" ޝަފީއު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަކީ ވައުދެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް 80 މިލިއަން ރުފިޔާ އަގު ބޮޑުކޮށް ހޭދަކޮށްގެން ފެށެން އޮތް ކަމަށެވެ.
"އެހެން ނަމަވެސް ރައްޔިތުންގެ ފައިސާއަކީ އަގު ބޮޑު އެއްޗެއް،" ޝަފީއު ވިދާޅުވި އެވެ.
އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަމުންދާ އިމާރާތުގައި ދަރިވަރުންނަށް ހިިއުމަން ރައިޓްސްގެ ގޮތުން އަދި ތައުލީމީ ގޮތުން ގެއްލޭ މާބޮޑު ކަމެއް މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ 80 މިލިއަން ރުފިޔާ ވަރު ސަލާމަތް ކުރުމަށްޓަކައި އެ ޑިލޭ އައީ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހަމަ ރަނގަޅު އެދެވިގެންވާ ޑިލޭއެއް ކަމަށް،" ޝަފީއު ވިދާޅުވި އެވެ.
މިކަމުގެ މައުލޫމާތު ސްކޫލުގެ އިސް ބެލެނިވެރިންނާއި ޕީޓީއޭއާ ހިއްސާކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނި ގޮތުގައި އެއްބަސްވުން ބާތިލުކުރީ މަސައްކަތުގެ އަގު ބޮޑުވުމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރިން ހަމަޖެހިފައި އޮތީ ބާޖަމާލުއްްދީން ސްކޫލު ހިންގި ބިމުގައެވެ. އެ ގޮތުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އިމާރާތްކުރަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ ކުރީގެ ކުނި ކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިންމާ މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެވެ.