ދުނިޔެ

ލަންކާގައި މަގާމުން ދުރުކުރި އުއްތަމަ ފަނޑިޔާރަށް އަލުން މަގާމު ދީފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ދުރުކުރި ޝިރާނީ ބަންޑާރަނަޔަކަ އަށް އެ ގައުމުގެ އާ ރައީސް މައިތިރްޕަލަ ސިރިސޭނާ އަލުން މަގާމު ދެއްވައިފި އެވެ.

ހިޔާނާތުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް މަގާމުން ދުރުކުރި ޝިރާނީ އިއްޔެ އަލުން މަގާމު ލިބިވަޑައިގަތުމާ އެކު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ. އެތަނަށް އެއްވެ ތިބި ސަޕޯޓަރުން ވަނީ ޝިރާނީ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އާ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިރާނީ މަގާމުން ދުރުކޮށްފައި ވަނީ އުސޫލާ ހިލާފަށް ކަމަށެވެ. ހިޔާނާތުގެ ތުހުމަތު ޝިރާނީގެ މައްޗަށް ކުރި ނަމަވެސް އޭނާ އެ ތުހުމަތަށް އިންކާރު ކުރައްވަ އެވެ.

ޝިރާނީ އުއްތަމަ ފަނޑިޔާރުކަމުން ދުރުކުރުމަށް ފަހު އެ މަގާމު ދެއްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު މޯހަން ޕީރީޒްއަށެވެ. އާ ރައީސް ޕީރީޒް މަގާމުން ވަކިވެފައިވާ ކަމަށް އަންގަވައިފަ އެވެ.

ޝިރާނީ މަގާމުން ވަކިކުރީ ރާޖަޕަކްސަގެ ހުށަހެޅުމަކަށް، ގާނޫނު ހަދާ މަޖިލީހުން 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އޭރު ބުނެފައި ވަނީ މިއީ ޖުޑީޝަރީ އަށް ދިން ހަމަލާއެއް ކަމަށެވެ.