ޣައްޒާ ހަނގުރާމަ ހުއްޓުވާލުމުގެ އުއްމީދުގައި ހުންނެވި ކަމަށް -- އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސްއަށް ދަންނަވައިފި އެވެ.
އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮތް ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް އައްބާސް ފޯނުކުރައްވައި ދެއްކެވި ވާހަކަތަކުގައި މެދުއިރުމަތީގެ ހާލަތަށްވެސް އަލިއަޅުވާލެއްވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި މެދުއިރުމަތި ސުލްހަކުރުމަށް ފަލަސްތީނަށް ކުރެވެން އޮތް ކަމަކީ އެމެރިކާއަށް އެއްބާލުން ދިނުމެވެ. ފަލަސްތީން އޮންނާނީ އަބަދުވެސް އެ ވިސްނުމުގައި ކަމަށް އައްބާސް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކެމްޕޭން އެއްވުންތަކުގައި ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ވެރިކަމުގައި ހުންނެވި ނަމަ ޣައްޒާގައި ހަނގުރާމަ މިހާރު އެ ހިނގާ ޒާތަށް ނުހިނގާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިޒުރޭލު ހިމާޔަތްކުރުމަކީ އެމެރިކާއާށް ވާޖިބު ކަމެއް ނަމަވެސް ޣައްޒާ ސުންނާފަތި ކުރަން ދޫކޮށް ނުލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އިޒުރޭލަށް ނުރައްކަލެއް އޮތް ނަމަ އެކަމަކުން ސަލާމަތްވުމަށް އެމެރިކާ އެހީތެރިވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ޣައްޒާ ހަނގުރާމަ ހުއްޓުވާލުމަށްޓަކައި، ސަރަހައްދީ ބާރުތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އަރަބި އެކުވެރިންނާ މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީގެ ސަބަބުން އޭނާގެ ސަރުކާރުން އެކުލަވާލާ މަޝްރޫއުތައް ހިންގަން ވަރަށް ފަސޭހަވާނެ އެވެ. އަދި ދުނިޔޭ ސިޔާސަތަށް އެމެރިކާގެ ނޫފުޒު ފޯރުުވަންވެސް ފަސޭހަވާނެ އެވެ.
ޣައްޒާ ހަނގުރާމައިގެ އިތުރުން ޔުކްރޭން ހަނގުރާމަ އަކީ ވެސް ޓްރަމްޕަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އޭނާ ވެރިކަމުގައި ހުންނެވި ނަމަ މިއިން އެއްވެސް ހަނގުރާމައެއް ނުކުރާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އޮކްޓޯބަރު 7، 2023 ގައި އަރައިގަތުމާ ގުޅިގެން ފެށި ހަނގުރާމައިގައި 43،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ ރަސްމީ ލިޔުންތަކުން ފެންނަ އޮތް އަދަދެވެ.
ނޫސްވެރިންގެ އިތުރުން މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޣައްޒާ ހަނގުރާމާގައި، ފަލަސްތީނުން މަރުވި މީހުން މިއަށްވުރެ ބޮޑުތަން އިތުރުވާނެ އެވެ.