ކުށްކުރުން

މީހަކު ރަހީނުކުރި 12 މީހުންގެ ވަނަވަރު އާންމުކޮށްފި

ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި 12 މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން މި މައުލޫމާތު ހާމަކޮށްފައި މިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން ނުވަވަނަ ޓަވަރުގެ 11 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މީހުންގެ މައުލޫމާތު ހާމަނުކުރާތީ ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ރަހީނުކުުރުމުގެ ކުށުގައި ތުހުމަތުކުރެވޭ 12 މީހުން

  • އަހްމަދު ޒާހިދު، ދަންމަރު، ށ. ފޯކައިދޫ (36 އ)
  • އަހްމަދު ސަމީހު، ނައިޓްސްޓާ، ބ. ގޮއިދޫ، (22 އ)
  • އިޒާން އަހްމަދު، ޒުނައިޓް ވިލާ، ކ. ގުރައިދޫ (18 އ)
  • ހަސަން ގާލިބް، އާރެސް، މ. ކޮޅުފުށި، (38 އ)
  • އާދަމް ހުސައިން، ޖަމީލާ މަންޒިލް، ލ. މާވަށް (48 އ)
  • އިބްރާހިމް ނަޝީދު، ހިޔާލީގުލްޝަން، ލ. އިސްދޫ (34 އ)
  • މުސްތާގް ޝާކިރު، ޖަނަވަރީގޭ، ގދ. ވާދޫ، (37 އ)
  • އަލްމަން އަލީ ހާލިދު، ވެހި، ގދ. ވާދޫ، (22 އ)
  • ވިޝާމް މުހައްމަދު، ޗިޗަންޑާގެ، ގދ. ވާދޫ، (23 އ)
  • މުހައްމަދު އިޒްކާން، މ. ހަތިކަނޑު، (18 އ)
  • އިސްމާއިލް ވިޝާމް މުހައްމަދު، ވ. ގާމާ، (22 އ)
  • ވިސާން މުހައްމަދު، ހުޅުމާލެ، ހިޔާ 14-17-03، (30 އ)

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިޒްކާން އާއި އިޒާން އަދި އަލްމަން ފަސް ދުވަހަށް ބަންދުކުރުމަށާއި ދެން ތިބި ނުވަ މީހުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓުގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަންއިރު އަނިޔާ ލިބުނު މީހާގެ ބޯ ބާލާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިކޮށްލުމަށް ގޭންގު މީހުން ތައްޔާރުވަމުން ދިޔަ ކަމަށެވެ.

މީހަކު ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓަކީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަމުން ދިޔަ ތަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ރަހީނުކުރުމުގެ ހާދިސާތައް މީގެކުރިންވެސް ހިންގާފައިވެ އެވެ. އެހެންވެ ނުދަންނަ މީހަކު ބުނި ނަމަވެސް ނުދަންނަ ތަނަކަށް ނުދިއުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.