ކުޅިވަރު

ބޮޑީބިލްޑިން އެެސޯސިއޭޝަނުން މައާފަށް އެދިއްޖެ

އައްޑޫ ސިޓީގައި މި އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ފެނުނު ބައެއް މަންޒަރުތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައާފަށް އެދިއްޖެ އެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވި ފަހުން ދުވަސްކޮޅެއް ފާއިތުވި ނަމަވެސް އެ މުބާރާތުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި ވައިރަލްވީ ދާދިފަހުންނެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގެ ބައެއް އިވެންޓްތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވީ މެކްސިކޯގައި މިމަހުގެ ފަށާ މިސް ޔުނިވާސްގައި ރާއްޖޭގެ ޒުވާން ކުއްޖަކު އަމިއްލަ ހައިސިއްޔަތުން މުބާރާތުގައި ބައިވެރިވުމާ ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް ގޮވާލައި ސަރުކާރުން ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ސަރުކާރުގެ ބަޔާނާ ގުޅިގެން ބައެއް އާންމުން ވަނީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވެގެން އެކަން ހުއްޓާލުމަށް ސަރުކާރުން ގޮވާލިއިރު ސަރުކާރުގެ ތާއީދާ އެކު ވޯލްޑް ބޮޑީބިލްޑިން މުބާރާތް ރާއްޖޭގެ ބޭއްވީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. ބޮޑީ ބިލްޑިން މުބާރާތްތަކުގައިވެސް ފިރިހެނުން ތިބެނީ މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކަމަށްވެސް ބުނެ އާންމުން ވަނީ އެފަދަ މުބާރާތްތައްވެސް ހުއްޓުވަން ސަރުކާރަށް ގޮވާލާފަ އެވެ.

އައްޑޫ ސިޓީގެ ރިސޯޓެއް ކަމަށްވާ ކެނެރީފް ރިސޯޓުގައި އަންހެނުންނާއި ފިރިހެނުން ހާމަކަން ބޮޑު ގޮތަކަށް ހަށިގަނޑުގެ ވަނާތައް ދައްކައިގެން ބޭއްވި ބޮޑީ ބިލްޑިން މުބާރާތަކީ ރާއްޖެއިން ބިޑްކޮށްގެން ހޯދި ފުރުސަތެކެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތަަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އެ މުބާރާތް ހޯސްޓް ކުރީ ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ނަން ވަރުގަދަކުރުމަށާއި ރާއްޖޭގެ އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ.

"މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށްފަހު ދިވެހިރާއްޖޭގައި މި މުބާރާތް ބޭއްވުން ކެންސަލްކޮށްފިނަމަ ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ޖުމްލަ ގޮތެއްގައި ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށްފަހު މި އެސޯސިއޭޝަނުގެ ފަރާތުން މި މުބާރާތް ބޭއްވުމަށް ނިންމީ އެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ މި މުބާރާތް ބޭއްވީވެސް އާންމު ދިރިނޫޅޭ ރިސޯޓް ރަށެއްގައި ކަން ފާހަގަކުރައްވާފަ އެވެ.

މި މުބާރާތް ކުރިއަށް ސަރުކާރުގެ އިރުޝާދާ އެއްގޮތަށް ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މައާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.