ޑރ. މުހައްމަދު މުއިއްޒު

އަޅުގަނޑު މިހުރީ ރައްޔިތުން ފަޅީގައި: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށްވާތީ ވެރިކަމުގެ ފުރަތަމަ އަހަރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވާހަކަދައްކަވަން ފެއްޓެވީ އެމަނިކުފާނުގެ ބައްޕަ އަދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފުރަތަމަ އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލްމަރުހޫމް އައްޝައިހް ހުސައިން އަބްދުއްރަޙްމާނު ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތުގެ މަފުހޫމް" ފޮތުގައިވާ ބައެއް މުހިއްމު ވާހަކަތައް ހިއްސާކުރައްވަމުންނެވެ.

"އަޅުގަނޑުގެ ގައިޑަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމައަށް ވެސް ބަލަމުން އައީ މި ފޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށްވާތީ އެފަދަ ވެރިކަމެއްގައި ވެރިޔަކު ވާންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވާ ވެރިޔަކަށް ކަމަށެވެ. އެމަނިކުފާނުގެ ބައްޕަ ލިޔުއްވި ފޮތުގައި އިސްލާމީ ނަޒަރަކުންނާއި ދުސްތޫރީ ނަޒަރަކުން ވެރިޔަކު ވެރިކަން ކުރަންވީ ގޮތް ރާއްޖެ ހަމައާއި ގުޅުވައިގެން ވަރަށް ރަނގަޅަށް ބުނެދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަކަށް ނެތް. މިވޭތުވެދިޔަ 52 ހަފްތާ ތެރޭގައި އެކަން ފަހުރުވެރިކަމާއެކު އަޅުގަނޑު ވާނީ ސާބިތުކޮށްދީފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ކުރެއްވުމުގައި އެ ފޮތުގައިވާ ގޮތަށް ކަންކަން ކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަ އެވެ. ވެރިކަމަކީ ފަހަރެއްގައިވެސް ލިބޭ މާބޮޑު މަގާމެއް ނޫން ކަމަށާއި އަދި އެއީ ލިބޭ މުދާގަނޑެއް ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި އަމާނާތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި އެއް އަހަރު އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުން ބޭނުންވާ ފަދަ ހެޔޮވެރިކަމެއް ކުރުމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޅާނުލައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

"ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަން. ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ އެކަންކަން ހައްލުވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތީ އެކި މުއްދަތުތަކުގައި އެކިއެކި ކަންކަން ކުރެއްވުމަށް ވައުދުވެވަޑައިގެން ކަމަށްވާތީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށެވެ. މިހާތަނަށް އެންމެ އަވަހަށް ފުއްދުނު ވައުދަކީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުން ކަމަށެވެ. ވެރިކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން އެ ވައުދު ވާނީ މިސަރުކާރުން ފުއްދައިދީފައި ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުން ފެށިގެން ޖުޑިޝަރީގެ ތަރައްގީއަށް ވަކިން ހާއްސަކޮށް އިންފްރާސްޓްރަކްޗާ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތަކާ އެއްގޮތަށް ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް އަންނަ އަހަރު ކުރިއެރުން ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިފާއީ ގޮތުންނާއި ހާރިޖީގޮތުން ގައުމު ވަރުގަދަ ކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ ދާއިރާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާ އެކު އުޅޭ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.