ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަންނަ އަހަރު ތެރޭގައި ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކެންސަރު ބައްޔަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދޭންޖެހޭ ފަދަ ހިދުމަތަށް ވުރެ ފުޅާކޮށް އެ ހިދުމަތް ދޭންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ހަގީގަތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމައި މަސައްކަތްތައް ފުރިހަމަކުރަމުންދާ ކަމަށެވެ.
"ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ހާއްސަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަދުގެ ހާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ ފުލް-ފްލެޖު ހޮސްޕިޓަލެއް ރާއްޖޭގައި ހުންނަން ޖެހޭ ކަމަށެވެ.
ކެންސަރު ހޮސްޕިޓަލް ހަދަން ނިންމާފައިވަނީ 25 ބުރިއަށެވެ. މިހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކައިރީގައި އޮންނަ ޕާކިން އޭރިއާ ގައެވެ.