ޑރ. މުހައްމަދު މުއިއްޒު

ފަސް މިލިއަން ނާރާ ބިލްތަކަށް ފައިސާ ދީ ނިންމައިފި

ދައުލަތުގެ މަޝްރޫއުތަކުގައި މަސައްކަތް ކޮށްފައިވާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދުން ފައިސާ ދޭން ޖެހޭ ހުރިހާ ބިލަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ފަރާތްތައް ލައްވައި މަސައްކަތްތަކެއް ކުރުވުމަށްފަހު އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށެވެ. ނަމަވެސް ފަސް މިލިއަނަށް ވުރެ މަދު އަދަދެއްގެ ފައިސާ ދައްކަންޖެހިފައި ހުރި ބިލްތަކުގެ ފައިސާ ދައްކައި މިހާރު ހަލާސްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފަސް މިލިއަނުން ދަށުގެ ބިލެއް ވިއްޔާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ނަމަ [މިހާރު ވާނީ] ފައިސާދީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ ހަފުތާގައި އެކަނިވެސް 501 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދީފައިވާނެ ކަމަށެވެ. ފައިސާ ދޭންޖެހިފައިވާ ފަރާތްތަކަށް މިސަރުކާރުގައި 6.6 ބިލިއަން ރުފިޔާ ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މުއްސަނދި ކުރުމަށްޓަކައި ދޭންޖެހޭ ފައިސާ ދެމުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަކީވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.