ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ސައުދީ ފަންޑުގެ ސީއީއޯ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސަމިޓުގެ ހަވާސާ ގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެ އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމާ ގުޅޭގޮތުންނެވެ.

ސައުދީ ފަންޑުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މުރާޖައާ ކުރައްވާފައިވެ އެވެ.

މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް ވައިގެ ބަނދަރު ތަރައްގީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫއުތައް ހިމެނެ އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ މި މަޝްރޫއުތައް ވަގުތަށް ނިންމުމުގެ އަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭފަދަ ތަރައްގީގެ މަސައްކަތްތަކަށް ދެފަރާތުންވެސް އިޚްލާސްތެރިކަމާއެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފަ އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެ އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ހިއްސާކުރާ އިގްތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ދެފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގެންނެވެ.