ސަރުކާރުގެ ވަޒީފާތަކުގައި ތިބި، މުވައްޒިފުންނަށް ފަސޭހަ ގޮތަކަށް ސްޓުޑަންޓް ލޯން ލިބޭނެ ގޮތް ހަމަޖަހައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ، ހައުސިން މިނިސްޓްރީގެ މުވައްޒިފުންނަށް އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ސެޓްފިކެޓް ލެވަލް ތިނެއްގެ ކޯސްތައް ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ޝަމީމް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ ގައުމެއްގައި އެންމެ ހަރުދަނާ ވާންޖެހޭ އެއް އޮނިގަނޑަށް ވާއިރު އެ މުވައްޒިފުން ގާބިލް އަދި ކުރާ މަސައްކަތްތަކަށް އެކަށޭނެ، ޒަމާނަށް ފެތޭ މީހުނަށް ވާންޖެހޭނެ ކަމަށާއި މީ މިހާރު ދިމާވަމުންދާ މައްސަލަތަކާއި ކުރިމަތިލާ އެކަމަށް ހައްލު ހޯދަން އިންގޭ ބަޔަކަށް ހެދުމަށް ސިވިލް ސާވިސް ކޮމިޝަނުންވެސް މަސައްކަތް ކުރަނުް އަންނަ ކަމަށެވެ.
އެގޮތުން އެފަރާތްތަށް މަތީ ތައުލީމު ހާސިލް ކުރަން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން، ލުއި ފަސޭހަ ގޮތަކަށް ސްޓުޑަންޓް ލޯން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބެންކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ސިވިލް ސާވަންޓުން އިތުރަށް މަތީ ތައުލީމް ހޯދަން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހޯދަން މަސައްކަތް ކުރަން. އަދި ސްޓުޑަންޓް ލޯންގެ ފުރުސަތު ހޯދައިދިނުމަށް މިގެންދަނީ ރާއްޖޭގެ ބެންކުތަކާއި އެކު މަޝްވަރާ ކުރަމުން. އެގޮތުން މިއަހަރު ތެރޭގައި މިފަދަ ގިނަ ކަންތަކެއް ސަރުކާރު މުވައްޒިފުންނަށް ލުއިފަސޭހަ ވެގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ގޮތުގައި ސީއެސްސީގެ އަމާޒަކީ މިސަރަހައްދުގައި ހުރި އެންމެ ގާބިލް އަދި އެންމެ ރަނގަޅަށް ސިވިލް ސާވިސްގެ ހިދުމަތްދޭ ގައުމަކަށް ރާއްޖެ ވުން ކަމަށާއި އެގޮތުން ކުރިޔަށް އޮތް ހަތް އަހަރު ތެރޭގައި ސަރުކާރު މުވައްޒިފުން ޑިގްރީ ފެންވަރަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.