ބަޖެޓް 2025

ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނަގަނީ

އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު އަންނަ އަހަރު ކަނޑައަޅަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓު ތަފްސީލްތަކުގައިވާ ގޮތުން އޮފް-ޝޯ ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ހިދުމަތަކީ އެހެން ޑިޖިޓަލް ހިދުމަތްތަކާ ތަފާތު ހިދުމަތެކެވެ.

އެ ގޮތުން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ޓޫރިސްޓް އެކޮމޮޑޭޝަން ވިއްކާއިރު ހިދުމަތް ލިބިގަންނަ މީހާ އާއި ހިދުމަތް ފޯރުކޮށްދޭ މީހާ ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް، ބުކް ކުރާ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަކީ ރާއްޖޭގައި ގާއިމުކޮށްފައިވާ ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ތަންތަންކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި މޮޑެލްތަކަށް ބަލާއިރު ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ބުކިންތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ބޭރުގެ ޓޫއާ އޮޕަރޭޓަރުންނާއި އޮފްޝޯ ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ހަދާ ބުކިންތަކެވެ.

ރާއްޖޭގެ ޓޫރިސްޓް ހިދުމަތްދޭ ތަނެއްގެ ކޮޓަރިތަކެއް ޑިސްކައުންޓް އަގެއްގައި އޮފްޝޯ ބުކިން ޕްލެޓްފޯމަކަށް ނުވަތަ ޓުއާ އޮޕަރޭޓަރަކަށް ގަނޑުކޮށް ވިއްކާލުމުން އެ ޕްލެޓްފޯމް އިން ނުވަތަ އޭޖެންޓުން ކޮޓަރިތައް "އޮން-ސެލް" ކުރުމުން މިހާރު ތަންފީޒުކުރަމުންދާ ޖީއެސްޓީ ނިޒާމުގެ ތެރެއިން މި "އޮން-ސެލް" މުއާމަލާތްތަކަށް ޓެކްސް ނުނެގެ އެވެ.

މީގެ އިތުރުން ޓޫރިސްޓް ކޮޓަރިތައް ބުކްކުރުމަށް މަގުފަހިކޮށްދޭ އެޖެންޓެއްގެ ގޮތުގައި އޮފްޝޯ ބުކިން ޕްލެޓްފޯމްއިން ހަރަކާތްތެރިވާއިރު މިހާރު ތަންފީޒުކުރަމުންދާ ޖީއެސްޓީ ނިޒާމުގެ ތެރެއިން މި މުއާމަލާތްތައް އިންތިޒާމުކުރާ ގޮތުން އޭޖެންޓުންނަށް ދޭ ކޮމިޝަން އިން ޖީއެސްޓީ ނުނެގެ އެވެ.

ޓީޖީއެސްޓީ ރޭޓް އަންނަ އަހަރުގެ ތެރޭގައި 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރާއިރު ޓީޖީއެސްޓީގެ ސިޔާސަތަށް ގެންނަ އިސްލާހުތަކާއެކު އަންނަ އަހަރު އިތުރަށް 308.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.