ދުނިޔެ

ޓްރަމްޕްގެ އަނބިކަނބަލުން ޖިލް ބައިޑަންއާ ބައްދަލުނުކުރައްވާނެ -- މީޑިއާ

އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން، މެލާނިއާ ޓްރަމްޕް ވައިޓް ހައުސްގައި އޮންނަ ބައްދަލުވުމަށް ވަޑައިނުގަންނަވާނެ އެވެ.

ނޫސްތަކުގައި މިހާރު އެންމެ ބާރަށް ފެތުރޭ މި ޚަބަރުގެ ހަގީގަތަކީ، ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ މިހާރުގެ ރައީސް، ޖޯ ބައިޑަންގެ އަނބިކަނބަލުން، ޖިލް ބައިޑަންއާ ބައްދަލުކުރއްވަން މެލާނީއާ ބޭނުންފުޅުނުވުމެވެ.

މި މަހު ފަސްވަނަ ދުވަހު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރިޕަބްލިކަން ކެންޑިޑޭޓު، ޑޮނަލްޑް ޓްރަމްޕް އެވެ. މިހެންކަމުން ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާނީ ޓްރަމް އެވެ.

އިންތިޚާބީ ރަޢީސް ހުވައިކުރައްވައި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރިޔާސީ ގަނޑުވަރަށް ދައުވަތުދެއްވައި ސައްލާކުރެއްވުމަކީ ގިނަ ގައުމުތަކެއްގެ އާދައެކެވެ.

މި ބީދައިން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ދައުވަތަކަށް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް ބުދަދުވަހު ވަޑައިގަންނަވާނެ އެވެ.

ޖޯ ބައިޑަންއާ ޓްރަމްޕްގެ ބައްދަލުވުން މާދަމާ ހެނދުނު ވައިޓް ހައުސްގައި އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެލާނިއާ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވަނީ ފިރިކަލުންނާ އެކު އެ ކަމަނާ ދިރިއުޅުއްވި ގަނޑުވަރު، މާރަލާގޯއަށް -- ބައިޑަންގެ އަމުރަށް އެފްބީއައި އޭޖެންޓުން އޯގަސް 2022 ގައި ވަދެގަނެ އެ ކަމަނާ ނިދިކުރައްވާ ކޮޓަރި ފާސްކުރުމާ ގުޅިގެންނެވެ.

މީޑިއާތަކަށް އާންމުވާން މެލާނިއާ ބޭނުންފުޅުނުވާ ކިތަންމެ އެއްޗެއް، އެފްބީއައި އޭޖެންތުން ވަނީ ހާމަކޮށްފައި ކަމަށް -- މިކަމުގެ މައުލޫމާތު ލިބިތިބި މީހުން ބުނެ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ގަނޑުވަރު، މާރަލާގޯއަށް އެފްބީއައި އޭޖެންޓުން ވަދެގަތީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ޓްރަމްޕް ސިއްރުކުރައްވައި އަމިއްލަ ގަނޑުވަރުގައި ބަހައްޓަވާަފައި ހުރި ކަމަށް ބުނެ އެވެ.

އެފްބީއައި އޭޖެންޓުން ވަނީ ވަރަށް ގިނަ ލިޔުންތަކެއް މާރަލާގޯއިން ނެރެ އާންމުކޮށް އަދި ޓީވިތަކުން ދުރަށް ދައްކާފަ އެވެ.

މިއީ އެމެރިކާގައި ރަޢީސްކަން ކުރެއްވި ލީޑަރަކާ މެދު ސަރުކާރުން އަމަލުކުރަން ޖެހޭ ގޮތް ނޫން ކަމަށް ގިނަ ބަޔަކު އެއިރު ބުންޏެވެ.