ރާއްޖޭގެ މިސްރާބް ހުރީ ބިރުވެރި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން "ފުދިއްޖެ-ފުނޑިއްޖެ" މި ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން ވަކިކޮށް ސަރުކާރުން މުއައްސަސާތަކަށް އަތް ބޭނުމަށް ކުރަމުންދާ މަސައްކަތަކީ ބާރުތައް ޖަމާކޮށް ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ތައްޔާރުވަމުންދާ މަންޒަރެއް ކަމަށެވެ.
"އެހެންކަމުން ބިރުވެރިކަމެއްގެ ތެރެއަށް ރާއްޖެ ފުރޮޅެމުންދާ މަންޒަރު މިއަދު ފެންނަމުން މިދަނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ތައްޔާރުވަމުންދާ މަންޒަރު ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހް ވިދާޅުވީ ކައުންސިލްތަކަށް ބަޖެޓް ފައިސާ ދޭންޖެހޭ ގޮތްތަކެއް ލާމަރުކަޒީ ގާނޫނުގައި އޮތް ނަމަވެސް ކައުންސިލްގެ ފައިސާ މިސަރުކާރުން ހިފަހައްޓަނީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކަމަށެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު ފެންނަން ނެތުމުން އެކަމާ ގުޅުވައިގެން ރައީސް ސޯލިހް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓް ހުސްކޮށްލިއިރު ރައްޔިތަކަށް ކޮށްދިން ކަމަށް ލޮލަށް ފެންނަން ނެތް ކަމަށެވެ. ބަޖެޓް ހުސްކޮށްލުމަށްފަހު ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ މަޖިލީހުން ފާސްކުރިއިރު ކުރި ކަމެއް އޮންނަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ވީވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ވިޔަފާރިވެރިން ފުނޑާލައި ރައްޔިތުންގެ އުއްމީދުތައް ގެއްލުވާލައި ބިކަކުރާ މަންޒަރު ކަމަށެވެ.
"ހަގީގަތުގައިވެސް ހިންގަން ނޭގުނީ. ކަންކަން ކުރަން ނޭނގެނީ،" އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން އެ ޕާޓީން ބޭއްވި އާންމު ފުރަތަމަ ބޮޑު އެއްވުމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި މިޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.