ދުނިޔެ

ސީރިޔާގެ ކުރުދީން މިނިވަން ނިޒާމެއް ތައާރަފުކުރަން މަސައްކަތް ކުރަނީ

ސީރިޔާގެ ކުރުދީން ވަކި ސަރަހައްދެއް ހިފައި މިނިވަން ނިޒާމަކާއެކު ހަރަކާތްތެރި ވުމަށް މަސައްކަތް ކުރާ ކަމަށް ކުރުދީންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ސީރިޔާގެ ހަނގުރާމައަށް ހައްލެއް ގެނެއުމުގެ މަގްސަދުގައި އެމެރިކާ އަދި ރަޝިޔާ ބައިވެރިވެގެން ބޭއްވި ޕީސް ޓޮކްސަގައި ކުރުދީންނަށް ދައުވަތު އަރުވާފައި ނުވާކަމަށް ފާހަގަ ކޮށްލެވެއެވެ.

ސީރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަށް ކޮންޓްރޯލް ކުރަމުން އަންނަ ކުރުދީން ހާމަ ކުރާ ގޮތުން، އަވަސް މުސްތަގްބަލެއްގައި ސަރަހައްދުތައް އެއްކޮށް، ފެޑެރަލް ނިޒާމެއް ގާއިމު ކުރާނެއެވެ.

ކުރުދީން ވަކި ސަރަހައްދަކަށް އެއްވެ މިނިވަން ނިޒާމެއްގެ ދަށުން ސަރަހައްދެއް ހިންގާ ކަމަށް ވަންޏާ، ތުރުކީއިން ބިރުގަނެ ކަންބޮޑުވުން ފާޅު ކުރާނެއެވެ. އެއީ ތުރުކީގައި ކުރުދީންގެ ޕާޓީ ގާނޫނީ ގޮތުން އުވާލުމަށް ފަހު ތުރުކީގެ ސަރުކާރާއި ކުރުދީންގެ ބައިގަނޑު ވަނީ އެކި ފަހަރު މަތިން ކުރިމަތި ލުން ތަކަކަށް ގޮސްފައެވެ. އަދި ސީރިޔާގެ ތުރުކީންގެ ބައިގަނޑަށް ތުރުކީގެ ކުރުދީން ބައިވެރިވުން މިއީ ތުރުކީއަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

ކުރުދީން ތަމްސީލު ކުރަމުން އަންނަ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ ވަކި ނިޒާމެއް އުފެއްދުމުން،، ސީރިޔާގެ ތެރޭގައި އިތުރު ޖަމާއަތްތަކަށް ހަމަ މި ފަދައިން ކަން ކުރަން ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. ކުރުދީން ގަބޫލު ކުރާގޮތުގައި، މުސްތަގްބަލުގައި ސީރިޔާގައި ފެޑެރަލް ނިޒާމެއް ގާއިމު ކުރެވި، އެކަމުން ސީރިޔަގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ.

ކުރުދީންގެ އޮފިޝަލު ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަގުތަކީ މި ނިޒާމު ގާއިމު ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އެއީ ޕީސް ޓޯކްސްއަށް ދައުވަތު ނާރުވާ، ކުރުދީންގެ ހައްގުތަކަށް ރައްކާތެރިކުރަން ބައިންލް އަގްވާމީ ޖަމާއަތްތަކުންނާއި ދުނިޔެއިން މަސައްކަތް ނުކުރާތީއެވެ.