މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުމާއި އަދި އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މޫސުމާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ދަނޭޗާ ކޮންސާ ވަންސީ (ޓީއެންސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއި ކުރީ އަޒަރުބައިޖާނުގެ ބަކޫގައި މިހާރު ކުރިއަށްދާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް29) ގައި ބޭއްވުނު އިވެންޓެއްގެ ތެރެއިންނެވެ.
ޓީއެންސީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓާ މިސް މެލިސާ ބައިވެރިވެވަޑައިގެންނެވި އެވެ.
އެއްބަސްވުމުގައ ސޮއި ކުރެެއްވުމަށްފަހު މިނިސްޓަރު ޒަމީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ ހަރަދު ކުރާނީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށާއި ރައްރަށުގެ އިގުތިސާދު ރަނގަޅު ކުރުމަށް ކަމަށެވެ.
މޫސުމީ މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަން ހައްލުކުރުމުގެ ގާބިލުކަން އިތުރު ކުރުމަށްވެސް މިއެއްބަސްވުމުގެ ދަށުން އެހީތެރިކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީއެންސީ އުފެއްދީ 1951 ވަނަ އަހަރު އެވެ. ޓީއެންސީ އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ކުރިއެރުވުމަށް މިޖަމިއްޔާ އިން 70 އަށް ވުރެ ގިނަ ގައުމުގައި މަސައްކަތް ކުރެ އެވެ.