ހަބަރު

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ހިންގީ ގަވާއިދާ އެއްގޮތަށް: އޮޑިޓް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އުފެއްދެވި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން 2014 ވަނަ އަހަރު މާލީ ހުރިހާ މުއާމަލާތެއް ހިންގީ ގަވާއިދާއި ގާނޫނުތަކުގެ ތެރެއިން ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދެވުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އުވާލި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ 2014 ވަނަ އަހަރުގެ މާލީ ބަޔާންތައް މުރާޖައާ ކުރުމަށްފަހު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، އެ ކޮމިޝަނުން އެއަހަރު މަސައްކަތް ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކަނޑައެޅި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ. މައިގަނޑުކޮށް ހުރިހާ މާލީ މަސައްކަތެއް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކަމަށެވެ.

ދައުލަތުގެ މާލިއްޔާއަށް ގެއްލުންވާވަރުގެ މައްސަލަތަކެއް އޮޑިޓުން ފާހަގަވެފައި ނެތަސް، އާންމުކޮށް ސަރުކާރުގެ އެހެން މުއައްސަސާތަކުން ވެސް ފާހަގަކުރެވުނު އެއް ކަމެއް އެ ކޮމިޝަންގެ އޮޑިޓުން ވެސް ފާހަގަވި އެވެ. ފިނޭންސް މިނިސްޓްރީ އިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ކަނޑައެޅި ބަޖެޓުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކާއި މިނިސްޓްރީ އޮފް ފިނޭންސުގައި ހިމަނާފައިވާ އަދަދުތަކާއި ފުށޫ އަރާ މައްސަލައެއް އޮޑިޓުން ފާހަގަކޮށްފައިވެ އެވެ.

އެ ދެ ރިކޯޑު އަޅާކިޔުމަށްފަހު ތަފާތު އައިސްފައި ހުރި މިންވަރު މިނިސްޓްރީއާއި ހިއްސާ ކުރުމަށްފަހު ރިކޮންސައިލްކުރުމަށްފަހު އަލުން މާލީ ބަޔާން އެކުލަވާލުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ ލަފާދެއްވާފަ އެވެ.