ހަބަރު

އެއާޕޯޓު ތަރައްގީ ކުރަން 40 މިލިއަން ޑޮލަރުގެ ލޯނެއް އަބޫދާބީ ފަންޑުން ދެނީ

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރަން އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހު ހޯމަ ދުވަހު މިނިސްޓަރު އަބްދުﷲ ޖިހާދު މިހާރު ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުގައި، އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށާއި އެގޮތުން 40 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑުން ދީފައިވާ ކަމަށެވެ. ނަމަވެސް އެ ލޯނުގެ އިންޓްރަސްޓް ރޭޓެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓަރު ކުރެއްވި ދަތުރުގައި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ ޔަގީންކަން ދެއްވާފައިވާ އިރު ދެން ބާއްވާ އެ ފަންޑުގެ ބައްދަލުވުމުގައި އެ ފައިސާ އެޕްރޫވް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)އާއި ބައްދަލު ކުރައްވާ އެއާޕޯޓް ތަރައްގީ ކުރުމަށް ދޭން ނިންމާފައިވާ 77 މިލިއަން ޑޮލަރު، 110 މިލިއަން ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޯޑަށް ހުށަހަޅުއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނީގެ އިސްވެރިން ދައްކާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.