މަރިޔަމް ސޫޒަން ފަހަރެއްގައި ސެލެބްރިޓީ އަކަށް ނުވެދާނެ އެވެ. ވަކިން ހާއްސަކޮށް އޭނާގެ މަޝްހޫރު ކޮއްކޮ ނުވަތަ ފިލްމީ ތަރި އަލީ ސީޒަން ފަދަ ސުޕަސްޓާރަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް އޭނާކޮށްގެން އުޅޭ ކަމަކީ އުމުރުން 40 އަހަރުގައި ވެސް އޭނާ އައިޑޮލްއަކަށް ހަދައި ސެލެބްރިޓީއަކަށް ހަދައިފާނެ ކަމެކެވެ.
ދައްތަގެ މި "ލައިފްސްޓޯރީ" އަށް ސީޒަން ފިލްމެއް ހަދައިފި ނަމަ އެ ފިލްމެއް މެގަ ހިޓަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.
މި އާޓިކަލްގެ މެއިން ފޮޓޯބަރިން ވެސް ސޫޒަންގެ މި އާދަޔާހިލާފު ވާހަކަ އަދި އޭނާގެ މި އާދަޔާހިލާފު ދަތުރުގެ މަންޒަރު އެހެރަ ފެންނަނީ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ބަރުދަނުގައި ހުރީ 117 ކިލޯ އެވެ. އޭރު އޭނާގެ ސިފަހުރި ގޮތް ފޮޓޯތަކުން އެހެރަ ފެންނަނީ އެވެ. އެއަށް ފަހު ދެން މި ފެންނަ ފޮޓޯތަކުގައި އޭނާގެ ބަރުދަނަކީ 62 ކިލޯ އެވެ.
ސޫޒަން ބުނީ އޭނާ ފަލަވެގެން ދިޔަގޮތުން ސިފައޮޅި، ގާތްއެކުވެރިންނަށް އޭނާ ވަކިކުރަން ނޭނގޭ ވަރަށް ވެސް ފަލަވި ކަމަށެވެ.
"އެންމެ ފަލަކޮށް ހުރިއިރު މީހާގެ ސިފަ ވެސް ބަދަލުވެގެން ގޮސް މީހުންނަށް ނުވެސް އެނގޭ ކާކުކަމެއް. ދިމާވެގެން ނޭނގުނީމަ ބުނަން ޖެހެނީ މިއީ ސޫޒަންއޭ. ހޮސްޕިޓަލްގައި ވިހައިގެން އޮތްއިރު ގޮވާލަން ދާ މީހުންނަކަށް ވެސް ނޭނގޭ ކާކުކަން ވަކިކުރާކަށް. އެމީހުން އަނބުރާލާފައި ދާން ފެށީމަ އަޅުގަނޑު ޖެހެނީ ގޮވައިގެން އަލުން ގެންނަން،" ކުރިން ހުރި ސިފައިން ސަމާސާއެއްކޮށްލަމުން ހިނިގަނޑަކާ އެކު ސޫޒަން ކިޔާލަދިނެވެ.
އޭނާ ބުނީ ފަލަވީ ސިއްހީ މައްސަލައެއް ހުރެގެން ނޫން ކަމަށާއި ކެއުމަށް ހުރި ފޯރިއެއްގެ ސަބަބުން ކަމަށެވެ.
"މެޑިކަލް މައްސަލައެއް އުޅެނީކީއެއް ނޫން. ހަމަ ކަނީ. އައި ލަވް އީޓިން. އަދި އެވެސް ފަލަވާ ކަހަލަ އެއްޗެހި. މިސާލަކަށް ފިޝް އެންޑް ޗިޕްސް. އެއީ ފެވަރިޓަކީ ވެސް،" ސޫޒަން ބުނީ ފަލަވުމަކީ އޭރު އޭނާ އަށް މައްސަލައެއް ވެސް ނޫން ކަމަށާއި ދަރިއަކަށް ބަލިވެ އިން ހިސާބުން އިތުރަށް ފަލަކޮށްލީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.
"ފުރަތަމަ ބޭބީ ލިބުނުއިރު އަޅުގަނޑުގެ ގައިގައި ހުރީ 74 ކިލޯ. ދެން މަޑުމަޑުން ބަރުދަން މައްޗަށް އަރަމުން ގޮސް 89 ކިލޯ އަށް މައްޗަށް އަރާފައި ހުއްޓައި ދެ ވަނަ ބޭބީ އަށް ޕްރެގްވީ. ދެ ވަނަ ކުއްޖާ ލިބުނުއިރު ބަރުދަނުގައި ހުރި 117 ކިލޯ،" ސޫޒަން ކިޔައިދިނެވެ.
"އޭރަކު ނުވިސްނަން ފަލަވެދާނެ ކަމަކަށް ވެސް. ދެން އާންމުކޮށްވާ ގޮތަކީ ބަނޑުބޮޑު ދުވަސްކޮޅު އެންމެ ބޮޑަށް ފަލަވަނީ. ވާގޮތަކީ އެ ދުވަސްކޮޅުވީމަ ފަލަވިޔަސް މާ ބޮޑު ސަމާލުކަމެއް ވެސް ނުދެވޭ އެކަމަކަށް. އަނެއްކޮޅުން ބައްޔެއް ވެސް މެދުވެރިއެއް ނުވޭ"
"ދެންވާ ގޮތަކީ ބަނޑުބޮޑުވީމަ ފިރިމީހާ ވެސް އައިސް މާ ގިނައިން ކާން ދޭނެ ދޯ. ލޯބިން އައިސް ބުނާހާ އެއްޗެއް ވެސް ހޯދައިދޭނެތާ. އެއީ އަސްލުވާގޮތަކީ. ދެން އޭގެ އެޑްވާންޓޭޗުނަގަން ވެސް ބުނެވޭނެ މިވެނި އެއްޗެއް ކާން ބޭނުމޭ،" ސޫޒަން އަނެއްކާވެސް ސަމާސާ ރާގެއް ކުޅެލި އެވެ.
"އެންމެ މީރީ ފިޝް އެންޑް ޗިޕްސް. ދެން ޑްރިންކަކަށް ކޯކް ފްލޯޓް. ފަލަވާ އެއްޗެހި ވަރަށް މީރު މުޅިން ވެސް. މިސާލަކަށް ބާގާސް އާއި ޕާސްޓާ އަދި ލަޒާނިއާ ފަދަ އެއްޗެހިތައް ވެސް ވަރަށް މީރު. އަދި އާންމުކޮށް ކާނީ ވެސް ރޭގަނޑު. ދަރިފުޅު ނިންދަވާލާފައި ފިރިމީހާއާ އެކު ސައިކަލް ބުރެއް ޖަހާލަން ނުކުމެލާފައި އެނބުރި އަންނާނީ އަބަދުވެސް އެކަހަލަ ކޮންމެވެސް އެއްޗެއް ކާލައިގެން."
ސޫޒަންގެ އޭރުގެ ލައިފަކީ އެއީ އެވެ. ކެއުމެވެ!!
ނަމަވެސް ދޮށީ ދަރިފުޅުގެ ވެޑިން ޕާޓީގެ ވާހަކަ ދެކުނު ހިސާބުން ސޫޒަންގެ ހިޔާލު ބަދަލުވެ ހިކުމާ މެދު ކުރިއަށް ވުރެ ބޮޑަށް ސީރިއަސްވީ އެވެ. އަމިއްލަ ވެޑިން ޕާޓީގައި ރީތި ހެދުމެއް ލުމުގެ ފުރުސަތެއް ނުލިބުނު ނަމަވެސް ސޫޒަން ހިތަށް އެރީ އަންހެން ދަރިފުޅުގެ ވެޑިންގައި އެފަދަ ރީތި ހެދުމެއް ލައިގެން ފޮޓޯނެގިދާނެ ކަމަށެވެ.
"އެންމެ ފުރަތަމަ ފުރަތަމަ 117 ކިލޯގައި ހުއްޓައި ދާން ފެށީ މޫދަށް. މޫދަށް ގޮސްގެން 100 ކިލޯ އަށް ބަރުދަން ތިރިވިތަނުން އަޅުގަނޑުގެ ދޮށީ ދަރިފުޅު އޭނާގެ ވެޑިންގެ ވާހަކަ ދައްކަން ފަށައިފި. އެގޮތަށް އޭނަ އެ ވާހަކަ ދައްކާ އަޑުއިވުނީމަ އަޅުގަނޑު ވެސް ވެޑިންއެއްގައި ރީތި ހެދުމެއް ލާން ބޭނުންވެގެން އުޅުނު ހަނދާންތައް އާވީ،" ސޫޒަން ކިޔައިދިނެވެ.
"ކަން ދިމާވި ގޮތުން އަޅުގަނޑުގެ ވެޑިންއަކުން ރީތި ވެޑިން ޑްރެސްއެއް ނުލެވުނު. ދެން ހިތަށް އެރީ މިއޭ ދެން އަންނާނެ އެންމެ ސްޕެޝަލް ދުވަހަކީ. އަންހެން ދަރިފުޅުގެ ވެޑިން ޕާޓީ އަށް ރީތިވެލަން ޗާންސް ލިބޭނެއޭ ހިކުނީމަ. އެހެން ހިތަށް އަރައިގެން ދަރިފުޅު ގާތު ވެސް ބުނިން ދަރިފުޅުގެ ވެޑިން ޕާޓީ އަށް މަންމަ ހިކޭނަމޭ. އެހެން ކިޔައިގެން ވަކި ޓާގެޓެއް ކަނޑައަޅައިގެން ފެށީ"
"ޕާޓީ އޮތީ ނޮވެމްބަރުގައި ނަމަ ބަހާލީމަ މަހެއްގެ މައްޗަށް ހަ ކިލޯ ދުއްވާލަން ޖެހުނު. އެހެން ހުއްޓާ އޭނަގެ ވެޑިން އެންމެފަހުން އަވަސްވަމުން ގޮސް އެ އަހަރުގެ ޖުލައި އަށް އަވަސްކޮށްލީމަ ހިކެން ލިބުނީ ހަ މަސް."
އެ ހަ މަސް ދުވަސް ތެރޭގައި އޭނާ ކިތައް ކިލޯ ދުއްވާލިކަން އެނގޭ ހެއްޔެވެ؟ މޫދަށް ދިޔަ ދުވަސްތަކަށް ފަހު ޖިމަށް އަދި ޒުމްބާ ކްލާސްތަކަށް ދާން ފެށިއިރު ހުރީ 98 ކިލޯ އެވެ.
"ދަރިފުޅުގެ ވެޑިން ޕާޓީ އަށް ދިޔައިރު އަޅުގަނޑުގެ ބަރުދަނުގައި ހުރީ 68 ކިލޯ. އެހެންވީމަ 30 ކިލޯ އެ ދުއްވާލެވުނީ،" ސޫޒަން ބުންޏެވެ.
"އެކަމަކު އަދިވެސް ޓާގެޓަކަށް ނުދޭ. ޓާގެޓަކީ 54 ކިލޯ. ބޮޑީ މާސް އިންޑެކްސް އަށް ބަލާއިރު އަޅުގަނޑުގެ ގައިގައި ހުންނަން ޖެހޭ ވަރުއެއީ މިހާރު. އެހެންވީމަ ބޭނުންވޭ އެހިސާބަށް ދާން."
ސޫޒަން ބުނީ އޭނާ ފަލަވެގެން ދިޔަގޮތުން، ދުވަހަކުވެސް ހިކޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. އަދި ތަފާތު ފެންނަނީ ހިކުނީމަ ކަމަށާއި އަލުން ފަލަވުން އެއީ މިހާރު ނޭދޭ ކަމެއް ކަމަށެވެ.
"އެންމެ ވެސް ބުނާނީ މިހެން. ފަލަޔަސް ވަރަށް ރީއްޗޭ. އެއީ ފެވަރިޓް ވޯޑް. އެކަމަކު އަސްލު ހިކިވެފަ، ކުރީގެ ފޮޓޯތައް ބަލައިލީމަ އެނގޭ އެއީ ހަމަ އަޅުގަނޑު ހިތްހަމަޖައްސާލަން މީހުން ބުނާ އެއްޗެއްކަން. ފޮޓޯތައް ބަލާލީމަ އެނގޭ މީހުން ހަމަ އެހެން ބުނެލަނީކަން،" ސޫޒަން ބުންޏެވެ.
ފިރިމީހާ ވެސް ބުނޭ އެންމެ ފުރަތަމަ ހިކޭށޭ. އެކަމަކު ފަހުން ނުކިޔާ އެހެނެއް. އޭރު ދެން ހީވެފައި އޮންނަނީ ވެސް ނުއެއް ހިކޭނެ ކަމަށް މިގޮތަށް. އެހެންވެ އަޅުގަނޑު އޭނަ ގާތު ބުނީ ފިރިމީހާ ދެން ފަލަވާށޭ އަޅުގަނޑާ އެއްވަރަކަށް. ސަޅިއެއް ނޫން."
"މާނަ އަކީ އެހާ ވެސް އުއްމީދެއް ނެތް ހިކޭނެ ކަމަކަށް އޭރަކު. ދުވަހަކު ވެސް ހިތަކަށް ނާރާ މިވަރަށް ހިކޭނެ ކަމަކަށް ވެސް."
އޭނާ ބުނީ އޭރު ކަސްރަތެއް ލިބޭ ކަހަލަ ކަމެއްކޮށްލާއިރު ވެސް ބަލަނީ ވީހާ ވެސް މަޑުން ހުރެވޭތޯ އެވެ.
"ނެޓްބޯޅަ ކުޅެންދާއިރު ވެސް ބަލާނީ ވީހާ ވެސް ކުޑަ ތަންކޮޅެއްގައި ދުވެލައިގެން ހަމަޖައްސާލެވޭ މަގާމެއްގައި ކުޅެން. އެގޮތުން ގޯލް ޝޫޓަކަށް ހުންނަންޏާމު ވަރަށް ކުޑަ ތަންކޮޅަކަށް ދުވެލަން ޖެހޭނީ. މިހާރު އެކަމަކު އެތަނުގައި ބަހައްޓައިފިއްޔާމު ދެރަވެސްވާނެ. މިހާރު ހަމަ ބޭނުންވަނީ ދުވެލާފައި އުޅެން." ސޫޒަން ބުންޏެވެ.
ގަވާއިދުން އޭނާ ޒުމްބާ ކްލާސްތަކަށް ދާން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ކޮންމެ ދުވަހަކު އެއްގަޑިއިރަށެވެ.
"މިހާރު ޒުމްބާގެ ކަންތައް ގޮސްފައިވާ ހިސާބަކީ އެއާ ނުލައި ނުވެސް އުޅެވޭނެ މިހާރަކު. ޒުމްބާ އިޒް މައި ލައިފް ހަމަ މިހާރު. އެވަރަށް ވެސް ލޯބިވޭ. މިހާރު ވެސް ކޮންމެ ދުވަހަކު ޒުމްބާ ކްލާސްތަކަށް ދަން،" ކުރިން އެއްގޮތަކަށް ވެސް ބަރުދަނަށް މާ ބޮޑު ސަމާލުކަމެއް ނުދިން އަދި ކަސްރަތަށް ފަރުވާލެއް ނުދިން ސޫޒަންގެ މިހާރުގެ ހިޔާލު ހުރި ގޮތަކީ މިއީ އެވެ.
އޭނާ ބުނީ މިހާރު ކޮންމެ ދުވަހަކީ ވެސް ވެއިޓްލޫސްކުރުމަށް އެކްސައިޓްވެފައި ހުންނަ ދުވަހެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ އެންމެ މީރު ހުރިހާ ކެއުންތަކެއްގެ މަތިން ވެސް ހަނދާންނައްތާލައިފަ އެވެ.
"ފިޝް އެންޑް ޗިޕްސް ނުކާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ރަހަ ވެސް ނުބަލާތާ. ޕިއްޒާ ވެސް ނުކާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. ކުރީގަ ނަމަ ޕިއްޒާއެއްގެ ފަސް ފޮތި ވެސް އެއް ފަހަރާ ކާލެވޭނެ. ހަމަ ދިންވަރެއް އޮންނާނީ. މިހާރު އައިސްކްރީމް ވެސް ނުކަން. ކައިރީގައި ތިބޭ އެންމެން ކާއިރު ވެސް ނުކައި ކެތްކޮށްލަނީ،" ސޫޒަން ކިޔައިދިނެވެ.
"ކޮންމެ ދުވަހަކު ވެސް ބާތުރޫމްސްކޭލާ އަށް އަރަން. ބަރުދަން ބަލާލެވުނީމަ އެ ލިބޭ ހިތްހަމަޖެހުން ހޯދަން. އެއީ ކޮންމެ ދުވަހަކު ވެސް ދާނެ ގްރާމްކޮޅެއް ނަމަވެސް."
"ކުރީގަ ނުބަލަން ބަރުދަނެއް. ބާތުރޫމްސްކޭލާއަކަށް ނާރަން އޭރަކު އެހެން އެންމެން ބަރުދަން ބެލިޔަސް. އެއީ އެނގޭވިއްޔަ އަޅުގަނޑު ބަރުވާނެކަން. އެހެންވެގެން ނުވެސް އަރަނީ."
ސޫޒަން ބުނީ މިފަހަރު އޭނާ ހިކުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތުން ކަމަށެވެ. ވަކިން ހާއްސަކޮށް އޭނާގެ ފިރިމީހާ އާއި ދެ ކުދިންގެ ފަރާތުން ލިބޭ ހިތްވަރު އޭނާ ފާހަގަކުރި އެވެ.
"މިފަހަރު މިހިކުނީ ވަރަށް މަސައްކަތުން. ދެން ފަލަވެއްޖެއްޔާމު ނުވެސް ހިކެވޭނެ. އެހާ ވެސް މަސައްކަތުން. މިހާރު ބިރު ވެސް ގަނޭ ފަލަވެދާނެތީ އެކަހަލަ އެއްޗެހި ކާން ވެސް. މިހާރު މި ހިކުނީ ވަރަށް ހެލްދީކޮށް. އެކްސަސައިޒްކޮށްގެން. ކައިގެން،" ސޫޒަން ބުންޏެވެ.
"ކުރިން ހިކެން މަސައްކަތްކޮށްފައި ހުންނާނީ ވެސް ވަރަށް އަންހެލްދީކޮށް. މިސާލަކަށް ހުސް ސޮސެޖު ކައިގެން ވެސް ހިކުނިން. ހާބަލް ލައިފް ކިޔާ ބުއިމެއް ބޮއެގެން ވެސް 22 ކިލޯ ދުއްވާލިން އެއް ފަހަރަކު. އެކަމަކު ފަހުން ފަލަވަނީ."
"މިހާރު ލައިފްސްޓައިލަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފި. މިސާލަކަށް ރަށަކަށް ދާން ދަބަސް ޕެކްކުރިޔަސް އެންމެ ފުރަތަމަ ދަބަހަށް ލާނީ މިހާރު ބޫޓް. އެއީ ދުވަންދާން."
"މިހާރު ހަފުތާއެއްގެ ކޮންމެ ދުވަހަކު ދެ އިރަށް ޖިމަށް ދާތާ އެއް އަހަރާއި ދެ މަސްވެއްޖެ. ހިކިއްޖެ ސިކްސް މަސް ތެރޭގައި. އެންމެ ފުރަތަމަ ދުވަސްކޮޅު ވަރަށް ގަދަ އަށް މަސައްކަތްކުރިން. ދުވަންގޮސް، ފަތަންގޮސް، ޖިމަށް ގޮސް، ޒުމްބާ އަށް ގޮސް އެގޮތަށް. އޭރު އަދި އެއްވެސް ވަރަކަށް ކާބޯހައިޑްރޭޓެއް ވެސް ބޭނުމެއް ނުކުރަން."
ކުރިން ފަލަފަލަކޮށް ހުރި ސޫޒަންގެ އެ ސަރުބީތައް އަނދައިގެންދިޔައިރު އޭނާގެ ސިކުނޑީގެ ހިޔާލުތައް ވެސް ވަރަށް ބޮޑަށް ޕޮޒިޓިވްވެއްޖެ އެވެ. އަދި އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ވެސް މީހުންނަށް ފިޓްނަސްގެ ދާއިރާގައި އެހީތެރިވުމެވެ.
ސޫޒަން މިހާރު ގަބޫލުކުރަނީ މިގޮތަށެވެ. ކިތަންމެ ފަލަކޮށް ހުންނަ މީހާ އަށް ވެސް ދުޅަހެޔޮ ކަސްރަތެއް ދީގެން ހިއްކާލެވިދާނެ އެވެ.
"ކަސްރަތުކުރަންޏާމު ހިކޭނެ ހަމަ ކިތަންމެ ފަލަ މީހަކު ވެސް. އެކަމަކު މިހެން ބުންޏަސް ކޮންމެވެސް ބައްޔެއްގެ ސަބަބުން ފަލަވާ މީހަކު ހުރެދާނެ. އެހެން ނޫން ނަމަ ހިކޭނެއޭ ބުނެވޭނީ. މިވަރަށް ހިތްވަރުކުރެވިއްޖެ ނަމަ ހިކޭނެއޭ." ސޫޒަން ބުންޏެވެ.
"މި އިންޓަވިއުގެ ވެސް އެންމެ ބޮޑު ބޭނުމަކީ ފަލަކޮށް ތިބޭ މީހުން މިގޮތަށް ދުޅަހެޔޮކޮށް ކަސްރަތުކޮށްލައިގެން ހިކޭނެކަން އަންގައިދިނުން."
"މިހާރު ބޭނުންވަނީ ފިޓްނަސްގެ ދާއިރާގައި މީހުންނަށް އެހީތެރިވެދޭން. މި ދާއިރާއާ ދުރަށް ދާން މިހާރު ބޭނުމެއް ނުވޭ. އެގޮތުން އިންސްޓްރަކްޓަރަކަށް ވުމަށް ހަދަން ޖެހޭ ކޯސްތައް ވެސް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑު ފަށައިފިން. ބޭނުންވޭ ޕާސަނަލް އިންސްޓްރަކްޓަރަކަށްވެގެން މީހަކު ހިއްކަން ވެސް."
ސޫޒަންގެ ހާއްސަ ޝުކުރު:
- ޖިމް އިންސްޓްރަކްޓަރު ލަތީ
- ޒުމްބާ އިންސްޓްރަކްޓަރު ޝެހޭ (ފިޓް ސްޓޫޑިއޯ)
- ފިޓް ސްޓޫޑިއޯގެ ވެރިޔާ ނާހިދާ އަލީ (ނާހީ)