ލައިފްސްޓައިލް

އަނެކާގެ މައްސަލަ ހައްލުކުރަން މިއޮތީ ދީނީ ވޯކްޝޮޕެއް

Mar 18, 2016

ޖަމިއްޔަތުއް ރަހްމާ އިން ކުރިއަށް ގެންދާ "އިލްމު ވޯކްޝޮޕް" ސިލްސިލާގެ އާ ބުރަކަށް އެ ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ. އާންމުކޮށް ހުޅުވާލައިގެން މި ވޯކްޝޮޕް ފަށާނީ މާދަމާ އެވެ.

އަރަބިއްޔާ ސްކޫލްގައި ވޯކްޝޮޕް ކުރިއަށް ދާނީ މާދަމާގެ 20:30 އިން 22:30ގެ ނިޔަލަށެވެ.

"މިވޯކްޝޮޕް އަކީ ދީނީ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތައް ހޭލުންތެރި ކުރުމުގެ ގޮތުންނާއި މީހުންނާއި މުއާމަލާތްކުރުމުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލު ބުނެދިނުމަށް ބާއްވާ ވޯކްޝޮޕެއް. މުޅިން ހިލޭ ކުރިއަށްދާ މިވޯކްޝޮޕްގައި ކިޔަވައިދޭނީ އޮކްސްފޯޑް ޔުނިވާސިޓީގެ ޕީއެޗްޑީ ކެނޑިޑޭޓަކާއި މިސްރުގެ އެމެރިކަން އޯޕަން ޔުނިވާސިޓީގެ އަންހެން ދަރިވަރެއް،" ވޯކްޝޮޕް އިންތިޒާމްކުރާ ޓީމުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފަހަރު ކުރިއަށް ގެންދަނީ ދެ ވޯކްޝޮޕްއެއް. އެއީ ހޮނިހިރު ދުވަހުގެ ހަވީރު އަންހެން ބޭފުޅުންނަށް ހާއްސަ ވޯކްޝޮޕެއް. އެ ވޯކްޝޮޕްގެ މައުލޫ އަކީ މީހުން ހަދާ މިސްޓޭކް ތަކާއި ޑީލް ކުރާނެ ގޮތް. އަދި ހަމަ އެރޭ އޮންނާނީ ދެ ޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭނެހެން ބާއްވާ ވޯކްޝޮޕްއެއް ވެސް. އެއީ ދީނީ ދަޢުވަތު ދިނުމާއި ބެހޭ ޓްރޭނިން އެއް."

މިވޯކްޝޮޕް ތަކަކީ ޖަމިއްޔަތުއް ރަހްމާ އިން ކުރިއަށް ގެންދާ "ޢިލްމު ވޯކްޝޮޕް" ގެ ސިލްސިލާގެ އާ ބޮޅެކެވެ.

މީގެ ކުރިން ވެސް ބޭރުގެ ގިނަ އަދަދެއްގެ ލެކްޗަރާއިންނާ އެކު ބައިނަލްއަޤްވާމީ ކޮންފަރެންސްތައް މި ޖަމިއްޔާ އިން ބާއްވާފައިވެ އެވެ. މިއީ ޒުވާނުންގެ އަޚުލާގު ރަނގަޅުކޮށް ރަނގަޅު ޖީލެއް ބިނާ ކުރުމުގެ މަޤްސަދުގައި މި ޖަމިއްޔާ އިން ކުރިއަށް ގެންދާ ޢިލްމީ ވޯކްޝޮޕްތަކެއް ކަމަށް ބުނެ އެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖާގަ ކަށަވަރުކުރުމަށް ރަހްމާ ޖަމިއްޔާއާ ގުޅުމަށް އެމީހުން އެދެ އެވެ.