ވިޔަފާރި

ސެމްސަންގް ގެލެކްސީ އެސް7 ލޯންޗުކުރުމަށް ދިރާގުން ކުލަގަދަ ހަފުލާއެއް

ދިރާގުން ރާއްޖޭގައި ސެމްސަންގް ގެލްކްސީ އެސް7 ސީރީސްގެ ފޯނުގެ ގްލޯބަލް ލޯންޗްކުރުމަށް ހަމަޖައްސައިފި އެވެ. ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން ސީރީސްގެ ގްލޯބަލް ލޯންޗް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހާއްސަ ހަފްލާ، މާދަމާރޭ 8 ން ފެށިގެން ދިރާގު ހެޑްއޮފީހުގައި ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހަފްލާގައި، ޕްރީ އޯޑަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވެ، ފައިސާ ދައްކަވާފައިވާ ހުރިހާ ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކުރެވިގެންދާނެ އެވެ. މީގެ އިތުރުން، އެކަސްޓަމަރުންގެ މެދުގައި ނެގޭ ވަރަށް ހާއްސަ ގުރުއަތަކުން ހޮވޭ، ނަސީބުވެރި 8 ފަރާތަކަށް ސެމްސަންގް ގިއަރ ވީއާރް ޑިވައިސްއެއް، އެފަރާތެއްގެ ފޯނާއިއެކު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކާއި އެކު ރަސްމީކޮށް ރާއްޖޭގައި ސެމްސަންގްގެ އެންމެ ފަހުގެ މި ފޯނުތައް ތައާރަފް ކުރެވިގެންދާއިރު، މި ހަފްލާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ސެމްސަންގް ކުންފުނީގެ ސްރީ ލަންކާ އޮޕަރޭޝަންސްގެ މެނޭޖިންގ ޑައިރެކްޓަރ ޔަންގްމިން ޝިން ވެސް މިހާރު ހުންނެވީ ރާއްޖޭގަ އެވެ.

"ގްލޯބަލް ލޯންޗާއި އެއް ތާރީހެއްގައި މި ފޯނުތައް ލޯންޗްކުރެވިގެންދާއިރު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ފޯނުތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް، ދިވެހިންނަކީ ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ ސްމާޓް ޑިވައިސްތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަކަށް ވާއިރު، ކަސްޓަމަރުންނަށް ފަސޭހަފުޅު ގޮތަކަށް މި ފޯނުވެސް ލިބުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގުސަދުގައި އަޅުގަނޑުމެން މިވަނީ ހާއްސަ އިންސްޓޯލްމަންޓް ޕްލޭން ތަކެއްވެސް ތައާރަފްކޮށްފަ، އަދި ސެމްސަންގް ކުންފުންޏާއި ގުޅިގެން ރަސްމީކޮށް މިފޯން ލޯންޗްކުރުމުގެ ފުރުސަތު ދިރާގަށް ލިބިގެން ދިޔުމަކީ އެކަމާއި މެދު އަޅުގަނޑުމެން ވަރަށް އުފާކޮށް ފަހުރުވެރިވާ ކަމެއް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވި އެވެ.

ސެމްސަންގް އެސް7 ސީރީސްގެ ފޯނުތައް މާދަމާރޭ ލޯންޗްކުރެވިގެންދާއިރު، މި ފޯނުތަކަކީ ދިރާގުގެ ނެޓްވޯކުގައި ޓެސްޓް ކުރެވި ރަސްމީކޮށް އެންޑޯސްކުރެވިފައިވާ ފޯން ސީރީސްއެއް ކަމަށް ވެސް ދިރާގުން މައުލޫމާތުދެ އެވެ.