ހަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

މާލެ އަތޮޅު ވެލައްސަރު ރިޒޯޓާއި ވާދޫ އާއި ދެމެދު ދަތުރުކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

މި ހާދިސާގެ މައުލޫމާތު މިރޭ 22:34 ހާއިރު ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސްގެ ޓީމެއް ވަނީ އެސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބީ ދެ މީހުން ކަމަށާއި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވުމާއެކު މެރިން ޕޮލިސްގެ ލޯންޗުގައި އެމީހާ ވަނީ މާލެ ގެނެސްފަ އެވެ. އަދި އެ މީހާ މާލެގެނެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. އަނިޔާ ލިބިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ޑިންގީގެ އިންޖީނު ނެއްޓި އަޑިއަށް ގޮސްފައިވާ ކަމަށާއި ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކްސިޑެންޓް ވުމާއެކު ޑިންގީގައި ތިބި މީހުން އެސަރަޙައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.