ހަބަރު

މާރާމާރީއާ ގުޅިގެން މާލޭ ތެރެ ބަލަހައްޓަން ސިފައިން ނިކުމެއްޖެ

މާލެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ނިކުމެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު އަވަސްއަށް ވިދާޅުވީ މާލޭ ތެރޭގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމުން ސިފައިން ނިކުމެ ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

ދެ ގޭންގުގެ ދެމެދު މިރޭ ހިނގި ހަމަނުޖެހުމުގެ ތެރޭގައި މާރަމާރީ ހިނގުމުގެ ސަބަބުން ބައެއް މީހުނަށް ވަނީ އަނިޔާވެފަ އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިހާރު ވަނީ 13 މީހަކު ހައްޔަރުކޮށްފަ އެވެ.

މި ހަމަނުޖެހުން ހިނގީ، 2014 އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހުންނާއި އިތުރު ގޭންގަކާ ދެމެދު އެވެ. މި ތިން މީހުންނަކީ މަސްއޮޑިއަށް ނިސްބަތްވާ ބައެކެވެ. އެއީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ. ތިން މީހުން ދޫކޮށްލާފައިވަނީ އިއްޔެ، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.