ހަބަރު

ފިނިހޫނުމިން 40 ޑިގްރީއަށް ނުދާނެ: މެޓް އޮފީސް

ރާއްޖޭގެ ފިނިހޫނުމިން މި މަހު ސާޅީސް ޑިގްރީއަށް މައްޗަށް ދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފި އެވެ.

މި ހިނގާ މާޗްމަހު ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީއަށް މަތިވާނެ ކަމަށް ބުނާ މެސެޖެއް ފޭސްބުކް އަދި ޓުވިޓާގައި މިދުވަސްކޮޅު ދައުރުވަމުންދެ އެވެ.

މެޓް އޮފީހުގެ އޮފިޝަލެއް އަވަސްއަށް ވިދާޅުވީ، އެ މެސެޖަކީ ހަގީގަތެއް ކަމަށް ނުވާތީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. މި ދުވަސްކޮޅަކީ ރާއްޖެއަށް އިރުވައި މޫސުން އަންނަ ދުވަސްކޮޅަށް ވާތީ، މިއީ މީގެ ކުރިންވެސް އަހަރުގެ އެހެން މަސްތަކަށް ވުރެ ހޫނުގަދަވާ ދުވަސްކޮޅެއް ކަން އެ އިދާރާއިން ފާހަގަކުރި އެވެ. މީގެ ކުރިއާ އަޅައި ބަލާއިރު ހޫނުމިން ކުޑަކޮށް މަތިވެފައިވާ ކަމަށާއި އޭޕްރިލްގައި ވެސް ހޫނުވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ދެ މަހު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދާނީވެސް 34.6 ޑިގްރީއާ ހަމަޔަށް ކަމަށް އެ އިދާރާއިން މީގެ ކުރިންވެސް ވަނީ ލަފާކޮށްފަ އެވެ.

"އިރުގެ ދޯދިތައް އެޅޭ މިންވަރު އިތުރު މިވީ ކުޑަކޮށް. އެހެންވީމަ ހޫނުކަން އިހުސާސްކުރެވޭލެއް އިތުރީ، ފަހަރެއްގައިވެސް ފިނި ހޫނުމިން ވަރަށް މައްޗަށް ދިޔައީކީ ނޫން. އެހެންވީމަ 40 ޑިގްރީއަށް ފިނިހޫނުމިން މައްޗަށް ދާނެއޭ ބުނެ އެފަތުރާ މެސެޖަކޫ ސާބިތު ހިފޭ ވާހަކައެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.